އެސްޓަން މާރޓިންގެ އަލަށް ނެރުނު ކާރުގެ އަގަކީ 950،000 ޑޮލަރު

އައިމިނަތު ޔުމްނާ
އެސްޓަން މާޓިންގެ  "ވީ12 ސްޕީޑްސްޓަރ" އެސްޓަން މާޓިންގެ "ވީ12 ސްޕީޑްސްޓަރ"

ޒަމާނީ އާ ސުޕަރކާރު ތަކަކީ ، ބާރަށް ދުއްވޭ ، ރޫފް ނުލާ ހަދާފައިވާ ކާރުތަކެކެވެ. މިކާރުތަކުގެ އަގުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މެކްލެރަން އާއި ބެންޓްލީ ކުންފުނިތަކާ އެއްފަދައިން މިހާރު އެސްޓަން މާޓިން ކުންފުނިންވެސް މިވަނީ އަގުބޮޑު ކާރެއް އުފައްދާފައެވެ. މިކާރަކީ މަދު އަދަދަކަށް އުފެއްދުމަށް ކަނޑައަޅާފައިވާ " ލިމިޓެޑް ޕްރޮޑަކްޝަން" ކާރެކެވެ.

އެސްޓަން މާރޓިން އިން އުފެއްދި "ވީ12 ސްޕީޑްސްޓަރ" އަކީ ޖެނީވާގެ މޮޓޯ ޝޯގައި ނެރެން ހަމަޖެހިފައިވާ ކާރެކެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެމުންދާތީ ޝޯކެންސަލް ވުމުން ، މިކާރު ދައްކާލާފައިވަނީ އޮންލައިން ޕްރެޒެންޓޭޝަނަކުންނެވެ.


އެސްޓަން މާޓިން ކުންފުނިން މައުލޫމާތުދީފައިވާގޮތުގައި "ވީ12 ސްޕީޑްސްޓަރ" ކާރުގެ 88 ކާރު  އުފެއްދުމަށްވަނީ ނިންމާފައެވެ. މިކާރަކީ އެސްޓަން މާޓިންގެ "ކިއު ބައި އެސްޓަން މާރޓިން" އަށް ނިސްބަތްވާ ކާރެކެވެ. ކުންފުނީގެ އެ ޑިވިޝަނަށް ނަންދެވިފައިވަނީ ޖޭމްސް ބޮންޑުގެ ފިލްމު ތަކުގައި އުޅޭ "ކިއު" އަސްލަކަށް ބަލައިގެންނެވެ. ސަބަބަކީ ފިލްމުގައި އޭނާއަކީ ބައެއް އެސްޓަން މާޓިން ކާރުތަކުގައި ދުމުގެ ސްކްރީން އަދި މެޝިންގަން ހަރުކޮށް ކާރު އެކި ގޮތަށް ތަރައްގީ ކޮށްލާ މީހަކަށް ވާތީއެވެ.

ވިންޑްސްކްރީން ނުހުންނަ މިކާރަކީ 700 ހޯސް ޕަވަރުގެ ޓަރބޯޗާރޖް ވީ12 އިންޖީނެއް ހިމެނިފައިވާ ކާރެކެވެ. މިކާރުގައި 3.5 ސިކުންތުގެ ތެރޭގައި 0-60 މޭލަށް ދަތުރުކޮށްލެވެއެވެ. އެސްޓަން މާޓިން އިން ބުނާގޮތުގައި މިކާރުގެ ދުވެއްޔަކީ ގަޑިއަކު 186 މޭލެވެ.


މިކާރު ހަދާފައިވަނީ ކުރީގައި ބޭނުންކުރާ ރޭސްކާރުތަކުގެ ޑިޒައިނަށެވެ. ދުއްވާ މީހާ އަދި ޕަސިންޖަރު ސީޓު އިންނަނީ ވަކިން އިންނަ ދެ ޖާގައެއްގައެވެ.މިކާރު ހަދާފައިވަނީ 1959 ވަނައަހަރު ލެމަންސް ގެ 24 ގަޑިއިރުގެ ރޭހުން އެއްވަނަ ހޯދި ރޭސްކާރު ކަމުގައިވާ އެސްޓަންމާޓިން ޑީބީއާރް1 އަސްލަކަށް ބަލައިގެންނެވެ.

މިކާރުގެ ބޮޑީ ހަދާފައިވަނީ ކާރބަން ފައިބާރއިންނެވެ. މިކާރުގެ އެތެރެ ޑިޒައިން ކުރުމަށް އެސްޓަން މާޓިންއިން ވީހާވެސް ލުއި ޑިޒައިނެއް ބޭނުން ކުރަން ނިންމިއެވެ. މިކާރުގެ އެތެރޭގައިވާ ލެދަރ ކޮމްޕަރޓްމަންޓް ބޭނުންވެއްޖެއްޔާ ނަގާލެވޭނެއެވެ.އަދި ސީޓުގެ އުސްކޮށްއިންނަ ބައިގައި ދާގީނާ ލެވޭނެ ޖާގައެއް ހުރެއެވެ.

މިކާރުގެ އޯޑަރު ނެގުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މީގެ ފުރަތަމަ ކާރު އަންނައަހަރު ޑެލިވަރ ކުރުމަށް ތައްޔާރު ވާކަމަށް އެސްޓަން މާޓިންއިން ވަނީ ބުނެފައެވެ. މިކާރު ގެއެތެރޭގެ ޑިޒައިން ގަންނަ ފަރާތުން ބެނުން ގޮތަކަށް ހަދައިދެވޭނެ ކަމަށް ވެސް މިކުންފުނިން ބުނެއެވެ.މިކާރު ވިއްކަން ފަށާއަގަކީ 950،000 އެމެރިކާ ޑޮލަރެވެ. 

ކިޔުންތެރިންގެ ހިޔާލު