މި ދުވަސްވަރު ޖިމްތަކަށް ދިއުމުގައި އިތުރަށް ސަމާލުވާންޖެހޭ

ޙަދީޖާ އަލީ

ޖިމަށް ދިއުމަކީ ގިނަ މީހުންގެ ކޮންމެ ހަފްތާއެއްގެ އަދި ބައެއް މީހުންގެ ކޮންމެ ދުވަހެއްގެ ތާވަލުތެރެއަށް ފެތިގެން ޤަވާޢިދުން ކުރަމުންދާ ކަމެކެވެ. ސިއްޙަތު ސަލާމަތުން ބެހެއްޓުމާއި އެކު ފުރިހަމަ ބައްޓަމުގައި ތިބުމަށެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި އެކު މިކަމަށް ދެވަނަ ވިސްނުމަކުން ވިސްނަން މިއޮތީޖެހިފައެވެ. ޖިމްގެ ތެރެއިން މި ވައިރަސް ފެތުރުމުގެ ބިރު ބޮޑުވެފައިވާތީއެވެ.

އޮސްޓްރޭލިޔާގެ ފިޒިޝަން ޑރ. ނޯރމަން ސްވަން ހާމަކުރާގޮތުގައި ޖިމަކީ ކޮރޯނާ ފަދަ ވައިރަސް ވަރަށް ފަސޭހައިން ފެތުރިގެން ހިނގައިދާނޭ ތަނެކެވެ. މިކަންވަނީ ޗައިނާއިން އެއްކުރި ޑޭޓާއިން ވެސް ކަށަވަރުވެފައެވެ. ސަބަބަކީ ޖިމުގައި ކަސްރަތުކުރުމަކީ ގިނަ އަދަދަކަށް ދާ ހިއްލާ ކަމަކަށްވެފައި އެތަނަކީ އަބަދުމެ ވަރަށް ފިނިކޮށް ހުންނަ ތަނަކަށްވުމެވެ. އެހެންކަމުން ޑޮކްޓަރުން އިރުޝާދު ދެނީ މި ދުވަސްވަރު ޖިމަށް ނުދިއުމަށެވެ. އަދި ދާނަމަވެސް އިތުރަށް ފަރުވާތެރިވުމަށް ޑޮކްޓަރުން ދަނީ އިންޒާރު ދެމުންނެވެ.

ދަލަކީ އޭގެ ޒާތުގައި ކޮރޯނާ ވައިރަސް ޖައްސާ އެއްޗެއް ނޫނެވެ. ނަމަވެސް ކޮރޯނާ ވައިރަސް އުފުލުމުގައި މުހިންމު ރޯލެއް ދާ ކުޅޭނެއެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު މި ވައިރަސް ބޭރުވެއްޖެނަމަ، ޖިމުގައި ބޭނުންކުރާ މެޝިން، ބެންޗް އަދި އެހެނިހެން އާލާތްތަކަށް ބުރައިގެން ގޮސް، އެފަދަ ތަންތަނުގައި ދާހިއްލާފައިވާ އަތުން އަތްލެވިއްޖެނަމަ، ވައިރަސް އަތަށް ވާޞިލްވީއެވެ. ވޯކްއައުޓް ހަދަމުން އިރުއިރުކޮޅާ އަތްދޮވުމަކީ ނުވަތަ މާސްކްއަޅައިގެން ވޯކްއައުޓް ހެދުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. ހިކިތަނަކަށްވުރެ ތެތްތަނެއްގައި ވައިރަސް ފެތުރޭލެއް އަވަސްވާނެއެވެ. އެހެންކަމުން އެކަކު އަތުން އަނެކަކު އަތުން ގޮސް ލޮލާއި ނޭފަތާއި އަނގައަށް ވައިރަސް ފޯރުމަކީ ވަރަށް ފަސޭހައިން ވެދާނޭ ކަމެކެވެ.

ފިނި އަދި އިރުގެ އަލި ނުލިބޭ ތަންތަނުގައި ކޮރޯނާ ވައިރަސް ގިނައިރަށް ދިރިހުންނާނެއެވެ. އެގޮތުން ޓެފްލޯން، މުށި އަދި ސްޓީލް އެއްޗެއްގައި ނުވަތަ ތަނެއްގައި 20 ޑިގްރީ ނުވަތަ 69 ފެރަންހެއިޓްގައި ކޮރޯނާ ވައިރަސް 5 ދުވަސް ވަންދެން ހުންނާނެއެވެ. ނަމަވެސް ހޫނުގައި ވަރަށް ފަސޭހައިން ކޮރޯނާވައިރަސް ހަލާކު ވެގެން ދާނެއެވެ. ޖިމްގައި ބޭނުންކުރާ މެޝިންތައް ކޮންމެ މީހަކު ބޭނުން ކުރުމަށްފަހު، ރީތިކޮށް ޑިސްއިންފެކްޓް ކުރެވިދާނެތޯ އަމިއްލައަށް ސުވާލުކޮށްލާށެވެ. އެއީ ވާނެކަމެއްތޯއެވެ؟

ފަރުދީ ޒިންމާ ނަގައިގެން ރައްކާތެރިވުމުގެ ގޮތުން ގިނަ ބަޔަކު ދަނީ ޖިމްގެ ބަދަލުގައި ގޭގައި ކަސްރަތު ކުރަމުންނެވެ. ބައެއް މަޝްހޫރު ތަރިން ދަނީ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގޭގައި ކަސްރަތުކުރާ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑީޔާގައި ޙިއްސާ ކުރަމުންނެވެ. މީގެ ތެރޭގައި ބިޒީ ފިލިޕްސް އަދި ކެލީ ރިޕަރ ހިމެނެއެވެ. ބައެއް ޤައުމުތަކުގައި ޖިމްތަކުން ދަނީ އޮންލައިން ޕްރޮގްރާމްތައް ތަޢާރަފް ކުރަމުންނެވެ. ހީކުރި ވަރަށް ވުރެ ބޮޑު ތަރުޙިބެއް ލިބި މިކަންވަނީ މިހާރު ވައިގައި ހިފާފައެވެ.

ބަލި ފެތުރުމުގެ ފުރުސަތުބޮޑު ނަމަވެސް ޖިމަށް ދިއުން އެއްވެސް ޑޮކްޓަރަކު މަނައެއް ނުކުރެއެވެ. ނަމަވެސް ރައްކާތެރިވުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން އަންނަނީ ކިޔާދެމުންނެވެ. މީގެތެރޭގައި:

  • ބޭނުންކުރާ މެޓް، ބަރު އަދި މެޝިން ބޭނުންކުރަން ފެށުމުގެ ކުރިން އަދި ބޭނުންކޮށްފައި ރީތިކޮށް ޑިސްއިންފެކް ކުރުން.
  • މެޓް އަދި ބެންޗުގައި އޮށޯތުމުގެ ކުރިން ސާފު ތުވާއްޔެއް އެޅުން.
  • ކޮންމެ މެޝިނެއް އަދި އެހެން އާލާތެއް ބޭނުންކުރުމަށްފަހު ރީތިކޮށް އަތްދޮވުން، ކެއްސާ ކިނބިހި އެޅިއްޖެނަމަ އަނެއްކާވެސް ދޮވުން.
  • ކެއްސާ، ކިނބިހި އެޅޭނަމަ ޓިޝޫއިން، ޓީޝަރޓުން ނުވަތަ އުޅަނބޮށިން ނިވާ ކުރުން.
  • ލޯ އަނގަ އަދި ނޭފަތުގައި އަތް ނުލުން.
  • ބޯން ގެންގުޅޭ ފެންފުޅި ބޭރާއި އެކު ގިނަގިނައިން ދޮވުން.
  • މެޝިންތަކުގައި އަތްލުމަށް ތުވާއްޔެއް ބޭނުންކުރުން.
  • ކޮންމެހެން އަތްލަންޖެހޭ އެއްޗެއްގައި ނޫނީ އަތްނުލުން. ހިމެނެއެވެ.

މިހުރިހާ ކަމަކަށް ބަލައިގެން ޖިމްގައި ކަސްރަތުކުރުމަށް ވުރެ، ގޭގައި ނުވަތަ މީހުން މަދު މައިދާނެއްގައި މިކަންކޮށްލުން ހުރިހާ ގޮތަކުންވެސް ބުއްދިވެރިއެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު