ގޭގަ ތައްޔާރުކުރާ "ސެނިޓައިޒަރ" ރައްކާތެރިއެއްނޫން

އައިމިނަތު ޔުމްނާ
ބާޒާރުގައި ލިބެންހުރި ސެނިޓައިޒަރ އެއް ބާޒާރުގައި ލިބެންހުރި ސެނިޓައިޒަރ އެއް

ކޮރޯނާ ވައިރަސް ހަލުވިކާމާއެކު މުޅިދުނިޔެއަށް ފެތުރުމާއި ގުޅިގެން ވައިރަސް އަދި ބެކްޓީރިއާ ނައްތާލުމަށް ބޭނުންކުރާ ގިނަސާމާނު ދުނިޔޭގެ އެކި ކަންކޮޅުތަކުން މިވަނީ ހުސްވުމާ ގާތްވެފައެވެ. 

އެމޭޒަން ، ވޯލްމާރޓް ، ބާތް އެންޑް ބޮޑީ ވަރކްސް ވޯލްގްރީންސް ފަދަ ތަންތަނުން މިވަނީ ސެނިޓައިޒަރ ހުސްވެފައެވެ. މީގެ އިތުރުން ބައެއް ބޮޑެތި ފިހާރަތަކުން ވަނި ސެނިޓައިޒަރ ވިއްކުން ލިމިޓް ކޮށްފައެވެ.

މިހާލަތާއި ކުރިމަތި ވުމުން ބައެއް މީހުންދަނި ޔޫޓިއުބް ، ޓްވިޓަރ، ޕިންޓްރެސްޓް ، ރެޑްއިޓް އަދި ތަފާތު ބްލޮގްތަކުގެ ރެސިޕީތައް ބަލައިގެން އަމިއްލައަށް ސެނިޓައިޒަރ ތައްޔާރު ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ.

ފުރަތަމަ ކަމަކަށް ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލްއިން ލަފާ ދެނީ ސެނިޓައިޒަރ ބޭނުންކުރުމަށް ވުރެން ރައްކާތެރިކަން ބޮޑީ ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމުން ކަމަށެވެ. ސެނިޓައިޒަރ ބޭނުންކުރުން ރަނގަޅީ އަތްދޮންނަން ފެނާއި ސައިބޯނި ނުލިބިއްޖެ ހާލަތެއްގައެވެ.

ދެވަނަކަމަކަށް ތަޖުރިބާކާރުން ބުނަމުންއަންނަނީ ސެނިޓައިޒަރ ގޭގައި ތައްޔާރުކުރުމަކީ އުނދަގޫކަމެއް ކަމަށެވެ. ސެނިޓައިޒަރ ތައްޔާރކޮށްފައި ހުންނަނީ ވަކި މިންގަނޑުތަކަކަށް ބަލައިގެން ވަކި "ކޮންސެންޓްރޭޝަން" އެއްގައި ކަމުން ގޭގަ މިގޮތަށް ތައްޔާރު ނުކުރެވިއްޖެނަމަ ސެނިޓައިޒަރ އިން އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ.

ސެނިޓައިޒަރ ރަނގަޅަށް މަސައްކަތް ކުރުމުގެ މައިގަނޑު އެއް ކަމަކީ އޭގައި އެކުލެވޭ އެއްޗެހީގެ ރަނގަޅު މިންގަނޑު ތަކެވެ.ސީޑީސީ އިން ލަފާދެނީ މަދުވެގެން %60 ގެ "އަލްކަހޯލް" އެކުލެވޭ ސެނިޓައިޒަރ ބޭނުންކުރުމަށެވެ. ބާޒާރުން ލިބެންހުންނަ ސެނިޓައިޒަރ އަކީ ވަކި މިންގަނޑަކަށް ތައްޔާރު ކޮށްފައިވާ އެއްޗެއްސެވެ. ނަމަވެސް އަމިއްލަ އަށް އެފަދަ އެއްޗެއްހި ހަދަން މަސައްކަތް ކުރުން އެއީ އެހާ ރައްކާތެރިކަމެއް ނޫންކަމަށް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން ގެ ޑރ ސެލީ ބްލޫމްފީލްޑް ވަނީ ބުނެފައެވެ.

އަމިއްްލައަށް ސެނިޓައިޒަރ ހަދަން މަސައްކަތް ކުރުމުން އޭގައި ހިމަނަންޖެހޭ ވަރަށް މޮއިސްޗަރައިޒަރ ނުހިމެނިއްޖެނަމަ ހަނގަނޑު ހިކި އެލަރޖީވުން ފަދަ ކަމެއް މެދުވެރި ވެދާނެއެވެ. ބައެއް ހާލަތްތަކުގައި ހަންގަނޑު ފަޅައިގެން ގޮސް ލޭއައުން ފަދަ ކަންކަންވެސް ކުރިމަތިވެފައިވެއެވެ.

މީގެއިތުރުން ގޭގައި ތައްޔާރު ކުރާ ސެނިޓައިޒަރގައި ހުންނަން ޖެހޭ ވަރަށް "އަލްކަހޯލް" ނުހިމެނިއްޖެނަމަ ސެނިޓައިޒަރ އިން ވައިރަސް އަދި ބެކްޓީރިއާ ނައްތާލުމުގެ އެެއްވެސް ގާބިލުކަމެއް ނުހުންނާނެއެވެ. އަދި ސެނިޓައިޒަރ ތައްޔާރުކުރުމުގައި އިތުރު ބެކްޓީރިއާ އާއި ވައިރަސް އެކުލެވިގެން ދިއުމަކީ ވެސް ވެދާނެ ކަމެކެވެ.

އެހެންކަމުން ސީޑީސީ އަދި ޑަބްލިއުއެޗްއޯ އިންވެސް ލަފާދެނީ ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށެވެ. އަދި އަތްނުދޮވެ ހުރެ މޫނާ ނޭފަތާ އަނގައިގާ އަތްނުލުމަށްވެސް ވަނީ ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު