މުސްލިމް މަންމައަކު އަންހެންދަރިފުޅުގެ ކައިވެނީގެ ދުވަހު ދިން ނަސޭޙަތް

ޙަދީޖާ އަލީ
މަންމައަކު އޭނާގެ ދަރިފުޅަށް ބުރުގާ އަޅަން ދަސްކޮށްދެނީ މަންމައަކު އޭނާގެ ދަރިފުޅަށް ބުރުގާ އަޅަން ދަސްކޮށްދެނީ

ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި ވަރަށް އިޙްތިރާމާއި ލޯބި ލިބިގެންވީ މީހަކު ކަމުގައިވާ އަވްފު ބިން މުޙައްލިމް އަލް ޝައިބާނީ، ޢަބްދު އަލް މާލިކްގެ އަންހެން ދަރިއެއް ކަމަށްވާ އުއްމު އިޔާސް އާއި ކައިވެނި ކުރެވުނު ދުވަހު، އޭނާގެ މަންމަ އުމާމާ ދިން ނަޞޭޙަތަކަކީ މުސްލިމު ކޮންމެ މަންމައަކުވެސް އެމީހަކުގެ އަންހެން ދަރިއަކަށް ދޭން ރަގަޅު ނަސޭހަތްތަކެކެވެ. އަދި މުސްލިމު ކޮންމެ އަންހެން ދަރިއަކުމެ މި ނަޞޭހަތުގައި ހިފުމުން ކާމިޔާބީ ލިބޭނޭ ނަސޭހަތްކޮޅެކެވެ. އެ ބަސްތަކުގައި ވަނީ ތިރީގައިމިވާ ފަދައިންނެވެ.

އޭ މަގޭ ދަރިފުޅާއެވެ! މަންމަ މިދޭ ނަސޭހަތަކީ ދަރިފުޅު މިހާރުވެސް އޭގައި ހިފައިގެން ހުރި ނަސޭހަތެއްނަމަ ދަރިފުޅަށް މި ބަސްތައް މުހިއްމު ނުވެދާނެއެވެ. ނަމަވެސް އަހަރެމެން އެންމެންނަކީ ވެސް ހަނދާންނެތޭ ބައެއްކަމުން ހަނދާންކޮށްދިނުމުގެ ގޮތުން އަދި ބުއްދިވެރިންނަށް އެހީތެރިކަމެއްގެ ގޮތުން ބުނެލާނަމެވެ.

އޭ މަގޭ ދަރިފުޅާއެވެ! އަންހެނުން ފިރިއަކާއި ނުލާ ބައްޕަގެ މުދަލުން ޚަރަދު ކޮށްގެން ބައްޕައަށް އެހީތެރިވުމުގައި އަބަދު އުޅެވޭނެނަމަ ގިނަ އަންހެނުން ތިބީހީ އެގޮތުގައެވެ. ނަމަވެސް އަހަރެމެން އަންހެނުން ހެއްދެވީ ފިރިންނަށްޓަކައެވެ. އަދި ފިރިހެނުން ހެއްދެވީ އަންހެނުންނަށްޓަކައެވެ.

އޭ މަގޭ ދަރިފުޅާއެވެ! ދަރިފުޅު އުޅެ ބޮޑުވި އަދި ހިނގަން ދަސްކުރި ގެއިން ނިކުމެގެން ތިޔަދަނީ ދަރިފުޅު ނުވެސް ދަންނަ ތަނަކަށް، ބީރައްޓެއްސެއްގެ ބައިވެރިއެއްގެ ގޮތުގައެވެ. އޭނާއާއި ކައިވެނިވާ ހިސާބުން އެއީ ދަރިފުޅުގެ ބަލަދުވެރިޔާއެވެ. އޭނާއަށް ޚިދުމަތްކުރާ މީހެއްކަމުގައިވާށެވެ. އޭރުން އޭނާ ދަރިފުޅަށް ޚިދުމަތް ކުރާނެއެވެ.

މަންމަގެ ފަރާތުން 10 ސިފައެއްގައި ހިފާށެވެ. ދަރިފުޅަށް ހަނދާންކޮށްދިނުމެއް ކަމަށް ފުދޭނެއެވެ.

ފުރަތަމަ އަދި ދެވަނަ ކަމަކީ: އަބަދުމެ އޭނާއަށް އެހީތެރވުމުގައްޔާއި، އަޑުއަހާ ކިޔަމަންތެރި ވުމުގައްޔާއި، އޭނާގެ ހިތަށާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ އަންބަކު ކަމުގައި ދެމިހުންނާށެވެ. އެހެނީ ފިރިމީހާގެ ބަސް އަހާ ކިޔަމަންތެރިކަން އަދާ ކުރުމަކީ ﷲގެ ރުއްސެވުން ލިބޭނޭ ކަމެކެވެ.

ތިންވަނަ އަދި ހަތަރުވަނަ ކަމަކީ: އަބަދުވެސް ޒީނަތްތެރިވެގެން މީރުވަހުން ހުވަނދުލައިގެން ހުންނާށެވެ. އެއްވެސް ހުތުރުކަމެއް ދަރިފުޅުގެ ކިބައިން އޭނާއަށް ނުދައްކާށެވެ. މީރުވަސް ނޫން ވަހެއް ދަރިފުޅުގެ ގައިން ދުވިޔަ ނުދޭށެވެ. އަނދުނަކީ ޒީނަތްތެރި ވުމުގައި އެންމެ މުހިންމު އެއްޗެވެ. ފެނަކީ އެންމެ މީރު ހުވަނދަށްވުރެ ރަގަޅު އެއްޗެކެވެ. މާނައަކީ ރީތިކޮށް ފެންވަރައިގެން އަނދުން އަޅައިގެން ހުރުމެވެ.

ފަސްވަނަ އަދި ހަވަނަ ކަމަކީ: ގަޑިއަށް ކާން ހަދާ ސުފުރާމަތި ތައްޔާރު ކޮށް އޭނާ ނިދައިފިނަމަ ހަމަހިމޭންކަން އިޚްތިޔާރު ކުރާށެވެ. އެހެނީ ބަނޑުގައި ކަމަކީ އަނދާއަލިފާން ފަދަ އެއްޗެކެވެ. ނިދީގައި އޮއްވާ އުނދަގޫކޮށްފި ނަމަ އޭނާ ރުޅި އަންނާނެއެވެ.

ހަތްވަނަ އަދި އަށްވަނަ ކަމަކީ: ފިރިމީހާގެ މުވައްޒަފުންނާއި ދަރިން ރަގަޅުގޮތުގައި ބަލަހައްޓާށެވެ. އަދި އޭނާގެ މުދާ ރައްކާތެރި ކުރާށެވެ. ފިރިމީހާގެ މުދަލަށް ރައްކާތެރިވުމަކީ ޝުކުރުވެރިވުން ކަމުގައި، އަދި ދަރިންނާއި މުވައްޒަފުން ބެލެއްޓުމަކީ ހިންގުންތެރި ސިފައެއް ކަމުގައި ފިރިމީހާ ބަލައިގަންނާނެއެވެ.

ނުވަވަނަ އަދި ދިހަވަނަ ކަމަކީ: ފިރިމީހާގެ އެއްވެސް ސިއްރެއް ހާމަނުކުރާށެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރިކަން ނުދައްކާށެވެ. ފިރިމީހާގެ ސިއްރު ފާޅުކުރާނަމަ ފިރިމީހާ ދަރިފުޅަށް މަކަރު ހެދުންގާތެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރިވެއްޖެ ނަމަ ދަރިފުޅާއި މެދުގައި ފިރިމީހާގެ ހިތުގައި ނަފްރަތު އުފެދޭނެއެވެ.

އެ މަގޭ ދަރިފުޅާއެވެ! ފިރިމީހާ ދެރަވެފައި ހުއްޓާ އޭނާގެ ކުރިމަތީގައި ހިނިތުން ނުވާށެވެ. އޭރުން ފިރިމީހާގެ އިޙްސާސް ނުދަންނަމީހެއްކަމުގައި ބެލެވޭނެއެވެ. އަދި ފިރިމީހާ އުފާވެފައި ހުއްޓާ އޭނާގެ ކުރިމަތީގައި ހިތާމަވެރި މޫނު ނުދައްކާށެވެ. އޭރުން ފިރިމީހާވެސް ދެރަވާނެއެވެ.

ވީވަރަކުން ފިރިމީހާއަށް އިޙްތިރާމްކޮށް ޢިއްޒަށްދޭށެވެ. ވީވަރަކުން ފިރިމީހާގެ ވާހަކައަށް އެއްބަސް ވާށެވެ. އޭރުން ދަރިފުޅާއި އެކުގައި އުޅުމާއި ވާހަކަދެއްކުމަށް ފިރިމީހާ ޝައުގުވެރިވާނެއެވެ.

އޭ މަގޭ ދަރިފުޅާއެވެ! ދަރިފުޅު ރުހޭ އދި ނުރުހޭ ކަމެއްގައިވެސް ފިރިމީހާގެ އުފަލަކީ ދަރިފުޅުގެ އުފާކަމުގައި ހަދައިގެން އަދި ދަރިފުޅުގެ އެދުމުގެ ކުރިއަށް ފިރިމީހާގެ އެދުން ނެރެގެން ނޫނީ ޙަޤީޤީ އުފާ ޙާޞިލް ނުވާނެއެވެ. ﷲ ދަރިފުޅަށް އެންމެ ރަގަޅުގޮތް މެދުވެރި ކުރައްވާނެތެވެ.

މި ނަސޭހަތުގެ ފަހުން މި ދެމީހުންގެ ކައިވެނީގެ ޙަފްލާއަށް ގެންދެވުނެވެ. އަދި އެއީ ވަރަށް ކާމިޔާބު ކައިވެންޏެއްކަމުގައި ވިޔެވެ. އެދެމީހުންގެ ދަރިން ވީ ބައްޕަގެ ފަހުގައި ރަސްކަންކުރިން ރަސްކަލުންނަށެވެ.  

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު
ޢަނީލް އާދަމް
ކުޑަކުއްހޖެއްގެ ފޮޓޯލާފަ ޅައިރު ކައިވެނިކިރުވަން ބާރުއެޅޭ ގޮތަށް ނަހައްދަވާ