ގޭތެރެއިން ވައިރަސް ނައްތާލާއިރު ވިސްނަންޖެހޭ ބައެއް ކަންކަން

އައިމިނަތު ޔުމްނާ
ގޭތެރެ ސާފުކުރަން ބޭނުންކުރާ ބައެއް ސާމާނު ގޭތެރެ ސާފުކުރަން ބޭނުންކުރާ ބައެއް ސާމާނު

ވައިރަސް ނައްތާލާ ގޭތެރެ ޑިސްއިންފެކްޓު ކުރުމަށް ބޭނުންކުރާ އެތައް ސާމާނެއް ކޮންމެ ގެއެއްގެ ބަދިގޭގައި ވެސް ހުންނާނެކަން ޔަގީނެވެ. ނަމަވެސް ރަޓްގަރޒް ޔުނިވަރސިޓީއިން ބުނަނީ މިފަދަ ހުރިހާ ކެމިކަލް ތަކަކީ ވައިރަސް މަރާލަދޭ އެއްޗެއްސަށް ނުވެދާނެ ކަމަށެވެ.

މިހާތަނަށް ކޮވިޑް-19 ޖައްސާ ސަރސް-ކޮވް-2 ވައިރަސް ނައްތާލުމަށް އެންމެ ރަނގަޅު ކެމިކަލް އެއް ހޯދިފައި ނުވާކަމަށް އެސޯސިއޭޓް ޕްރޮފެސަރ ސިއޯބިއަން ޑަފީ ވަނީ ބުނެފައެވެ. ސަބަބަކީ މިވައިރަސް އަކީ ވަރަށް ފަހުން ފެނުނު ވައިރަސްއެއް ކަމަށް ވާތީވެއެވެ. އެހެންކަމުން ސައިންޓިސްޓުން ބަލަމުން އަންނަނީ އެެހެން ކޮރޯނާވައިރަސްތައް ނައްތާލުމަށް ބޭނުންކުރާ ބައެއް ތަކެތިން މިވައިރަސްއަށް ވެސް އަސަރެއް ކޮށްފާނެކަމަށެވެ.

ޕްރޮފެސަރ ޝެފްނަރ ބުނެފައިވަނީ ވައިރަސްތަކާ ދެކޮޅަށް ބޭނުންކުރާ ކޮންމެ ކެމިކަލް އެއްގައިވެސް އެބޭނުންކުރާ ވަކި އުސޫލްތަކެއް ވާކަމަށެވެ. އެންމެ މުހިންމު އެއްކަމަކީ ބޭނުންކުރާ ކެމިކަލް ތަނަކަށް ބޭނުންކޮށްފިނަމަ އެތަނަކުން ވައިރަސް ނެތިކޮށްލާހާ ވަގުތު ބަހައްޓަންޖެހޭނެ ކަމެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސީޑީސީ އިން ލަފާދެނީ އާންމު ދިރިއުޅުމުގައި ކޮންމެދުވަހަކުވެސް އަތްލެވޭ މޭޒު، ދޮރުގެ ތަޅު، ގޭގެ ސްވިޗުތައް، ބަދިގެ އަށި ، ކަބަޑުތަކުގެ އަތްގަނޑު، ފޯނު، ކީބޯޑް، މައުސް، ފާހާނާ، އިސްކުރު ތައް އަދި ސިންކު ފަދަ ތަންތަން ކޮންމެ ދުވަހަކު ސާފުކުރުމަށެވެ.

މީގެ އިތުރުން ސީޑީސީ އިން ލަފާދެނީ ތަންތަން ސާފުކުރުމަށް ސައިބޯނި ފެންފޮދަކުން ސާފުކޮށްލުމަށްފަހު ޑިސްއިންފެކްޓަންޓް ބޭނުންކުރުމަށެވެ.

ގޭގައި މީހަކު ބަލިވެ އުޅޭނަމަ އަދި ރޯގާގެ އަލާމާތް ފެންނަމަ އާދަވެ ކޮންމެ ދުވަހަކު ގޭތެރެ ޑިސްއިންފެކްޓް ކުރުން މުހިއްމެވެ. ސަބަބަކީ ސާރސް-ކޮވް-2 ވައިރަސް 16 ގަޑިއިރު ޕްލާސްޓިކުގައި ހަރުލާހުންނަކަމަށް ތަޖުރިބާކާރުން ބުނެފައިވާތީއެވެ.

ތަފާތު އެކި ބާވަތުގެ ކެމިކަލް އެއްފަހާރާ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. ސަބަބަކީ މިފަދަ އެކި ކެމިކަލް އެއްވުމުން ނުރައްކާތެރި ވިހަ ގޭސް އުފެދުން އެކަށީގެންވާތީއެވެ.

ތަޖުރިބާކާރުން ލަފާދޭގޮތުގައި ކޮރޯނާވައިރަސް ނައްތާލަން އެންމެ ރަނގަޅު ކެމިކަލް އަކީ ބްލީޗް އެވެ. ބްލީޗް ބޭނުންކުރަންޖެހެނީ ފެނުގެ ތެރެއަށް އެއްކޮށްލައިގެންނެވެ. ސީޑީސީ އިން ލަފާދީފައިވަނީ ގޭތެރެ ސާފުކުރަން 18.9 ލީޓަރުގެ ފެނަށް 240 މިލިލީޓަރުގެ ބްލީޗް އެއްކޮށްގެން ބޭނުންކުރުމަށެވެ. އަދި މިގޮތަށް އެކުރެވޭ ބްލީޗްފެން އެފަހަރަކު ބޭނުންކުރާ ވަރަށް ތައްޔާރުކުރުން ރަނގަޅެވެ. ސަބަބަކީ ގިނައިރު މިހެން ބަހައްޓާފެނުން ވައިރަސް ނައްތާލުމުގެ ބާރު ދައްވަމުންދާތީއެވެ. ހަލާކު ނުވާފަދަ ސާމާނު ބްލީޗް ފެނުގައި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ސާފު ކުރެވިދާނެއެވެ. 

ބައެއްފަހަރު ކެމިކަލް ގެބަދަލުގައި ބޭނުންކުރެވޭ ވިނިގަރ އަދި ޓީޓްރީ އޮއިލް ފަދަ ގުދުރަތީ އެއްޗެހި ކޮރޯނާވައިރަސްއާ ދެކޮޅަށް ބޭނުންކުރުން އެހާ އެދެވިގެން ނުވާކަމަށް ސައިންސްވެރިން ބުނެއެވެ. .ބައެއް އާދައިގެ ރޯގާތަކާއި ބަލިތައް ފަތުރާ ކުދިކުދި ބައެއް ވައިރަސް މިތަކެތިން ކޮންމެވެސް ވަރަކަށް ނެތިކޮށްލިނަމަވެސް ކޮރޯނާވައިރަސް މަރާލާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު