ސެލްފް ލޮކްޑައުންގައި ތިބޭއިރު ގަޑިތައް ދުއްވާލަން ކުރަންވީ މިކަންތައް

ޙަދީޖާ އަލީ

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު ޤައުމުތައްވަނީ ހުއްޓިފައެވެ. ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމުން ކުދިންނާއި މައިންބަފައިން ތިބީގޭގައެވެ. ސިނަމާ، ރެސްޓޯރެންޓް އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް މީހުން ބޭރަށް ނިކުމެ އުޅުން މަނާކުރުމުން އެކަންވީ ގިނަބަޔަކަށް ވަރަށް ފޫހި ކަމަކަށެވެ. ނަމަވެސް މިއީ ލިބުނު ރަނުގެ ފުރުސަތަކަށް ހަދައިގެން މި ފުރުސަތުގެ ބޭނުން އުފެއްދުންތެރި ގޮތުގައިވެސް ހިފިދާނެއެވެ. އެންމެ މުހިންމު ކަމަކީ ވަގުތަށް ނަމާދުކުރުމާއި ގިނައިން ޤުރުއާން ކިޔެވުމާއި އާއިލީ ގުޅުން ވަރުގަދަ ކުރުމެވެ. އޭގެ އިތުރުން ލިބޭ ހުސްވަގުތު ތަކުގައި ކުރަން ރަގަޅު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

  1. ޕަޒްލް އެއް ރާވާލާށެވެ. އެންމެ ރަގަޅީ ގިނަ ބައިތައް ހިމެނޭ ބޮޑު ޕަޒްލްއެކެވެ. ރޫބިކްސް ކިއުބެއްވެސް ރާވާލަން މަސައްކަތް ކުރެވިދާނެއެވެ. ބަހަށް ޝަޢުޤްވެރިކަން ހުންނަ ނަމަ ކްރޮސް ވޯޑް ޕަޒްލްއެއް ހަދާށެވެ.
  2. ބޮލެގް ލިޔަން ފަށާށެވެ. ކޮރޯނާއާއި ބެހޭގޮތުން ވިޔަސް ރަގަޅު ވާނެއެވެ. ނޫންނަމަ ޝަޢުޤުވެރިކަން ހުންނަ ކޮންމެވެސް އެހެން ކަމެއް ނުވަތަ އެއްޗަކާއި ބެހޭގޮތުން ލިޔެވިދާނެއެވެ.
  3. ގޭގައި ބޭނުން ނުކޮށް ގިނަދުވަސް ވެފައިވާ ތަކެތިން ހިރަފުސް ފޮޅަލާށެވެ. އާއިލީ ތާރީޚާއި ގުޅިފައިވާ ތަކެތި ނަމަ ކުދިންނަށް ދައްކާ އެއާއި ބެހޭ ވާހަކަ ކިޔައިދެމުން ސާފު ކުރާށެވެ.
  4. ޅެންވެރިކަމުގެ ހުނަރު ހުރިވަރު އަޖުމަބަލާލުމަށް ޅެމެއް ހެދޭތޯ މަސައްކަތްކުރާށެވެ. މަންމަ، އާއިލާ ނުވަތަ ޤައުމު ފަދަ ހިތާއި ގުޅިފައިވާ މައުޟޫ އެއް ޚިޔާރު ކުރާށެވެ.
  5. އެޕެއް ޑައުންލޯޑްކޮށްގެން އާ ބަހެއް ދަސްކުރަން މަސައްކަތް ކުރާށެވެ. ވަރަށްގިނަ އެޕްލިކޭޝަންތައް މިކަމަށް ޚާއްސަ ކުރެވިފައި ހުންނާނެއެވެ. ބައެއް ވެބްސައިޓްތަކުން ހިލޭ ވެސް މިކަން ކުރެވޭނެއެވެ.
  6. ކިޔާހިތުން ފަށާފައިވާ ނަމަވެސް ފޫހިވެގެން ދޫކޮށްލާފައިވާ ފޮތެއް އޮތް ނަމަ އަލުން ކިޔާލާށެވެ.
  7. ބަލަން ފަށާފައި ދިގު ކަމުން ނުބަލާ ދޫކޮށްލި ފިލްމެއް ވާނަމަ އަލުން ބަލާލާށެވެ.
  8. ޒީނަތްތެރިވުމަށްޓަކައި ހަންގަނޑަށް، އިސްތަށިގަނޑަށް އަދި ނިޔަފައްޗަށް ގޭގައި ދެވިދާނެ ފަރުވާތައް ހޯދުމަށްފަހު ކޮންމެ ދުވަހަކު އާކަމެއް ކުރަމުންދާށެވެ.
  9. އާއިލާ އާއި ރައްޓެހިންގެ އިތުރުން ތިބާއަށް ކަމެއް ކޮށްދިން ކޮންމެ މީހަކަށް ޝުކުރު އަދާކޮށް ސިޓީއެއް ލިޔާށެވެ. ގެއިން ނިކުމެވޭވަރު ވުމުން ޕޯސްޓްކުރަން ލަސްވަންޏާ މެއިލްކޮށްލާށެވެ.
  10. އަތުލިޔުން ރީތިކޮށްލުމަށް މަސައްކަތްކުރާށެވެ. ގޭގައި މަޑުކުރަންޖެހޭ ކޮންމެ ދުވަހަކަށް އާ ޞަފްޙާ ލިޔެލާށެވެ. އަދި އަންނަ ބަދަލު ފާހަގަކުރާށެވެ.
  11. ބަދިގޭގައި ހުންނަ މަތިޖެހި އެއްޗެހިތައް ތަރުތީބުކޮށްލާށެވެ. ކޮންމެ އެއްޗެއްގެ މަތި ހަމައަށް ހުރިތޯބަލާ ޗެކްކޮށްލާށެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ. ބޭނުން ޖެހޭނެއެވެ.
  12. ހެދުން އަލާމާރި ތަރުތީބުކޮށްލާށެވެ. މިވަގުތަށް ނުލާ ހެދުމާއި އެއްކޮށް ބަކީ ކޮށްލަންބޭނުންވާ ހެދުން ވަކިކޮށްލާށެވެ. ފަހުން ލާންބޭނުންވާ ހެދުން އެހެން ފޮއްޓެއްގައި ބަންދުކޮށްލާށެވެ. އެއްކޮށްބާކީ ކޮށްލާހެދުން މީހަކަށް ދޭން ނުވަތަ އުކާލަން ބަހައްޓާށެވެ. އަލަމާރީގައި މިހާރު ޖާގަ ބޮޑުވާނެއެވެ.
  13. ތަފާތު އެކި އެއްޗެހި އަޅާފައި ހުންނަ ވަތްގަނޑުތައް ތަރުތީބު ކޮށްލާށެވެ. ކަރަންޓާއި ގުޅުންހުރި ސާމާނު، ލިޔެކިއުމާއި ގުޅުންހުރި ސާމާނު، ޒީނަތްތެރިވުމާއި ގުޅުންހުރި އަދި އެހެނިހެން ސާމާނު ވަކިކޮށްލާފައި ބަހައްޓާށެވެ. ހޯދަންބޭނުންވާ ވަގުތު ހޯދަން ފަސޭހަ ވާނެއެވެ.
  14. ވޫލުން އެއްޗެއް ވިޔަން ނުވަތަ ބަރަނިން އެއްޗެހި ހަދަން މަސައްކަތްކުރާށެވެ. ވީޑިއޯ ބަލައިގެން ކުރަން އުޅުމުން ފަސޭހަވާނެއެވެ.
  15. ފަހަން ދަސްކުރާށެވެ. އެންމެ ފުރަތަމަ ފަށާނީ ބާލީސްފަދަ ފަސޭހަ އެއްޗެހި ފަހާށެވެ. ނުވަތަ އެމްބްރޮއިޑަރީގެ މަސައްކަތް ކުރަން ފަށާށެވެ. ޔޫޓިއުބް ބަލައިގެން ކުރާނަމަ ކޮންމެ ސްޓެޕެއްވަކިން ގެންދަންވީ ގޮތް ކިޔާދޭނެއެވެ.
  16. ޔޯގާ އަދި އެއިރޮބިކްސް ފަދާ ގޭގައި ކުރެވިދާނެ ކަސްރަތުގެ ވީޑިއޯ ބަލައިގެން އެގޮތަށް އެކަން ކުރެވޭތޯ ބަލާށެވެ. ކޮންމެ ދުވަހަކަށް ވަކި ޗެލެންޖްތައް ދީފައި ހުންނަ އެޕްލިކޭޝަނެއް ޑައުންލޯޑްކުރާށެވެ. އޭގައި ބުނެދީފައިވާ ގޮތަށް އެކަން ކުރަން މަސައްކަތް ކުރާށެވެ.
  17. ލޯގަނޑުން ބަލައިގެން އަމިއްލަ ސޫރަ ކުރަހާލެވޭތޯ މަސައްކަތްކުރާށެވެ.
  18. ކުލަޖައްސާ ފޮތަކީ ހަމައެކަނި ކުޑަކުދިންނަށް ހުންނަ އެއްޗެއް ނޫނެވެ. ތިބާގެ ކިބައިގައިވާ ކުލަ ޖެއްސުމުގެ ހުނަރު ހުރިވަރު ވަޒަންކޮށްލާށެވެ.
  19. މިދިޔަ އަހަރު ތިބާ ޙާޞިލްކުރި ކަންތައް ލިސްޓްކުރާށެވެ. އަދި ޖެހިގެން އަންނަ އަހަރަށް ތާވަލުކޮށްފައިވާ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރާނޭ ގޮތް ރާވާލާށެވެ.
  20. ވާހަކަ ލިޔުމުގެ ހުނަރު ހުރިވަރު ވަޒަންކޮށްލުމަށް އާއިލާގެ ހުރިހާ މެމްބަރުން ހިމަނައިގެން ވާހަކައެއް ލިޔާށެވެ. ކޮންމެ މެމްބަރެއްގެ ޗެޕްޓަރ ލިޔާނީ އެ މެމްބަރެކެވެ.
  21. ގޭގައި ހަލާކުވެފައި ހުރި ތަޅުތަކާއި އިސްކުރުފަދަ ކުދި މަރާމާތުތައް ނިންމާލާށެވެ.
  22. ގޭގައި އަންހެންކުއްޖަކު ހުރިނަމަ އެކި ގޮތްގޮތަށް އިސްތަށިގަނޑު ގަތަން ދަސްކުރާށެވެ.
  23. ޑްރެސިންގ ޓޭބަލްގައި ހުރި ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނުތަކުގެ މުއްދަތުހަމަވަ ތާރީޚް ބަލާ، ދުވަސްވީ އެއްޗެހި އުކާލާށެވެ.
  24. ގޭގެ ފްރިޖްގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އެއްޗެހި އުކާލާ، ފްރިޖްގެ ޖާގަ ބޮޑުކޮށްލާ ތަރުތީބުކޮށްލާށެވެ.
  25. ފޯނުގެ ގެލެރީ، ހާރޑް ޑިސްކް ނުވަތަ ގޫގްލް ޑްރައިވްގައިވާ ބޭކާރު ފޮޓޯތަށް ވަކިކޮށް ތަރުތީބު ކޮށްލާށެވެ. ކުޑަ ކުއްޖަކު ހުރިނަމަ އެކުއްޖެއްގެ ހެދިބޮޑުވުން ދައްކައިދޭ ފޮޓޯ ސްޓޯރީއެއް ހަދާށެވެ.
  26. ކާފައާއި މާމަ ދުރުގައި އުޅޭނަމަ ގުޅައިގެން ފޯން އިންޓަރވިއު އެއް ކުރާށެވެ. އެކިއެކި ހާދިސާތަކާއި، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގެ ވާހަކަ އޮޅުން ފިލުވުމަށް ފަހު ފޮތެއްގައި ލިޔެ ނުވަތަ އޯޑިއޯއެއްގޮތަށް ރައްކާ ކުރާށެވެ. އާއިލީ ހަފްލާއެއްގައި ބޭނުންކުރާނީއެވެ.
  27. ތިބާ ޝުކުރުވެރިވާ ހުރިހާކަމެއް ލިސްޓްކުރާށެވެ.
  28. މުޅިން ތަފާތުގޮތަކަށް ގޭގެ ފަރުނީޗަރުގެ އެރޭންޖްމަންޓް ބަދަލުކޮށްލާށެވެ.
  29. މުޅި އާއިލާގެ ހުރިހާ މެމްބަރުން ހިމަނައިގެން ޕްލޭ އެއް ލިޔާށެވެ. އާއިލާގެ ވައިބަރ ގްރޫޕް މެދުވެރިކޮށް ކޮންމެ މީހަކު އެމީހެއްގެ ޑަޔަލޮގް ކިޔާނީ އެވެ. ނިމުމުން ހުރިހާ ވީޑިއޯ އެއްކޮށްލުމުން އޮންނާނީ ފެމިލީ ފިލްމަކަށް ވެފައެވެ.
  30. ޓައިޕިންގ ސްޕީޑް އިތުރުކޮށްލުމަށް ކޮންމެ ދުވަހަކު ވަކި ވަގުތެއް ޓައިޕްކުރުމަށް ހުސްކުރާށެވެ.
  31. ކަރުދާހުން ތަކެތި ހަދަން ދަސްކުރާށެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައި މުބާރާތް ބާއްވާ މާކްސް ވެސް ދެވިދާނެއެވެ.
  32. ގޭގައި މަރުވެފައި ހުރި ގަސްތައް އުކާލާ ބަގީޗާ ރީތިކޮށްލާށެވެ. އަމިއްލައަށް އާ ގޮތްތޮތަށް ގަސްތައް ތަރުތީބުކުރާށެވެ.
  33. ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އޮންލައިންކޮށް ޞަދަގާތްކުރެވެން ހުރިނަމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެކަކުގެ ކެއިން ބުއިމަށް ފުދޭވަރަށް ޞަދަގާތް ކުރާށެވެ.
  34. ބުރުގާ އަޅާނެ އާ ގޮތްތައް ދަސްކުރާށެވެ.
  35. އަމިއްލައަށް މޭކަޕް ކުރާނެގޮތް، ވީޑިއޯ ބަލައިގެން ދަސްކުރާށެވެ. އެއްފަހަރު ނިމުމުން އަނެއްފަހަރު ފަށާށެވެ. މީހަކަށް ދައްކަން ކެރޭވަރު ނުވަންޏާ އެކަނި ހުރެ ކުރާށެވެ.
  36. އެކި ފަހަރުމަތިން މީސްމީހުން އަތުން ގެނެސްފައި ނުވަތަ، މީހަކަށް ދިނުމަށް ބޭނުންވެ ނުދެވި ހުރި އެއްޗެއް ހުރިނަމަ ފަސޭހައިން ފެންނަ ހިސާބަށް ނެރެ، ނަންޖަހާށެވެ. ލޯމަތީގައި ހުންނަ ނަމަ ހަވާލުކުރުމަށް ބާރަކަށް ވާނެއެވެ.
  37. ވީވަރަކުން ގިނަ ވަގުތު ދަރިންނާއި އެކުގައި އެކުދިންގެ ވާހަކަތައް އަޑު އެހުމާއި ވާހަކަ ކިޔައިދިނުމުގައި ހޭދަ ކުރާށެވެ. ގޭ ބަންދުން ފިލުމުން އެކަން އޮންނާނީ ނުވެފައެވެ.
  38. އެެއްވެސް ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ގުޅުން ކިލަނބުވެފައިވާ ރަޙްމަތްތެރިއެއް ނުވަތަ އާއިލާގެ މެމްބަރެއްވާނަމަ، ގުޅައިގެން ނުވަތަ މެސެޖްކޮށްގެން އެ ގުޅުން ބަދަހި ކުރާށެވެ.
  39. އާ އެއްޗެއް ކައްކަން ދަސްކުރާށެވެ.
  40. ކުދިންގެ ސްކޫލުފޮތްތައް އަލުން ބަލާށެވެ. ލިބިފައިވާ ކުދިކުދި ކާމިޔާބީ ފާހަަގަ ކުރުމަށް، ދުވަހުގެ ކޮންމެވެސް އެއް އިރެއްގެ ސުފުރާމަތި ޚާއްސަ ކުރާށެވެ.
ކިޔުންތެރިންގެ ހިޔާލު