އިންޑިއާގައި "ވަޓްސްއަޕް ޕޭ" ތައާރަފްކޮށްފި

އިންޑިއާއަކީ ވަޓްސްއަޕްގެ އެންމެ ބޮޑު މާކެޓު އިންޑިއާއަކީ ވަޓްސްއަޕްގެ އެންމެ ބޮޑު މާކެޓު

އިންޑިއާގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް މެސެޖިންގ ޕްލެޓްފޯމް، ވަޓްސްއަޕް މެދުވެރިކޮށް ފައިސާ ފޮނުވޭގޮތަށް، "ވަޓްސްއަޕް ޕޭ" އިންޑިއާގައި ތައާރަފްކޮށްފިއެވެ. 

ފޭސްބުކްއިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ވަޓްސްއަޕް ޕޭ އިންޑިއާގެ 20 މިލިއަން މީހުންނަށް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ނޭޝަނަލް ޕޭމެންޓް ކޯޕަރޭޝަންއިން ވަނީ ދީފައެވެ. މިކަން ބުރާސްފަތި ދުވަހު އެ ކޯޕަރޭޝަންއިންވެސް ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. 

ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ އެހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތް ޓެސްޓްކުރަމުން އަންނަތާ މިހާރު 2 އަހަރު ވެއްޖެއެވެ. 2018 ވަނަ އަހަރުން ފެށިގެން 1 މިލިއަން މީހުންނަށް މި ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިފައިވެއެވެ. 

ރަސްމީކޮށް މި ހިދުމަތް ގިނަ މީހުންނަށް ފޯރުކޮށްދިނުމުގެ ހުއްދަ ލިބުމާއި ގުޅިގެން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ، މި ހުއްދަ ލިބުމުން އުފާ ކުރާކަމަށާއި މިކަމުގެ ސަބަބުން އާއިލާއަށާއި ރައްޓެހިންނަށް ފައިސާ ފޮނުވުމަކީ ވަޓްސްއަޕް މެސެޖެއް ފޮނުވާލުންހާ ފަސޭހަކަމަކަށް ވެގެންދާނެކަމަށެވެ. މިކަމުން ގިނަ ފައިދާތަކެއް ވާނެކަމަށް ޒަކަބާގް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަކީ ވަޓްސްއަޕްގެ އެންމެ ބޮޑު މާކެޓެވެ. އެ ގައުމުގައި ވަޓްސްއަޕް ބޭނުންކުރާ 400 މިލިއަން މީހުން ދިރިއުޅެއެވެ. އޭގެތެރެއިން، މި ހިދުމަތް ލިބޭނީ އަދި އެންމެ 20 މިލިއަން މީހުންނަށެވެ. އެހެންނަމަވެސް، ނޭޝަނަލް ޕޭމެންޓް ކޯޕަރޭޝަންއިން ހިދުމަތް ލިބޭ މީހުންގެ އަދަދު އިތުރުކުރުމުގެ ހުއްދައެއް އަވަސް މުސްތަގްބަލެއްގައި ދޭނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު