ފަތުރުވެރިކަމުގެ ސިނާއަތް ހޯދާ ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުވައްޒިފުން: ޑރ.މައުސޫމް

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހޯދާ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

ޑރ.މައުސޫމް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އޮންނަ ބްރިޓިޝް ލޯޔަލްޓީ ޑައިވް ސައިޓަށް 75 އަހަރުން ފުރުން ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑރ.މައުސޫމް ވަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އެގޮތުން، 2021 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއިން ބައިވެރިވާ އެންމެ ފުރަތަމަ އިވެންޓްވެސް ބޭއްވިގެން މިދަނީ އައްޑޫ ސިޓީގައި ކަަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ރަނގަޅު ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި، މުސްތަގްބަލުގައިވެސް އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އައްޑޫގައި އޮންނަ ދެ ރިސޯޓް ކޮވިޑް-19ގެ ސަބަބުން ހުއްޓާލެވިފައިވާއިރު، މި ދެ ރިސޯޓް ހުޅުވުމަށްޓަކައިވެސް ގިނަ މަސައްކަތް ތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

އައްޑޫގައި އޮންނަ ދެ ރިސޯޓް ހުޅުވުމަށް ބާރު އެޅުމުގެ ގޮތުން، ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ޖެއްސޭގޮތް ހަދަންޖެހޭކަމަށާއި، އެކަން މި އަހަރުގެ ތެރޭގައި ކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ދިވެހިރާއްޖޭގައި ކުލަގަދަކޮށް ފާހަަގަ ކުރާ ދުވަހެއްކަމަށް ވިދާޅުވެ، މި އަހަރު އެ ދުވަސް ފާހަގަކުރުމަށް ހިންގާ ގިނަ ހަރަކާތްތައް ކުރިއަށް ގެންދާނީ އައްޑޫގައި ކަން މިނިސްޓަރ ޑރ.މައުސޫމް އިއުލާންކުރެއްވިއެވެ.

މީގެއިތުރުންވެސްް، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒިފުންގެ ބުރަ މަސައްކަތްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ސިނާއަތަކަށް މިހާރުވެފައިވާއިރު، އޭގެ ފަހަތުގައި ވަނީ މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒިފުންގެ ބުރަ މަސައްކަތްކަން ޑރ.މައުސޫމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރަން އަހަރު ރަން އަހަރަކަށް ވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒިފުން ހިނިތުންކުރެވިގެންކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ޑރ.މައުސޫމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި ނަލަފެހި މީދޫ ޖަމިއްޔާގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު