މަޖިލީހުގެ ޖަލްސާތަކެއް ދައުރުން ބޭރުގައި ބޭއްވުމަށް ހުށަހަޅއިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅައިފި އެވެ.
ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނުގައިވާގޮތުން އިންތިހާބު ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތު މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރުކޮށްފައިވާއިރު، ކައުންސިލް އިންތިހާބުގެ މައްސަލައަށް ހައްލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީސް އެއްވެ، ޤާނޫނު އިސްލާހްކުރުމުންނެވެ.
އެހެންކަމުން ދައުރުން ބޭރުގައި ޖަލްސާތައް ބާއްވައި ސަރުކާރުގެ ފަރާތުން އަލީ ނިޔާޒް ހުށަހަޅުއްވާފައިވަނީ ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހުކުރުމަށެވެ. އަދި ޤާނޫނު ތަސްދީޤްކުރާތާ 7 ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންވާނެކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.