ބަލި ގަބޫލުކުރެއްވުމަށް ޓްރަމްޕަށް ރައީސް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ބަލި ގަބޫލުކުރެއްވުމަށް ޑޮނާލްޑް ޓްރަމްޕަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. 



އެމެރިކާގެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ދިޔުމާއި ގުޅިގެން ޓުވިޓާގައި ރައީސް ނަޝީދު ވިދާޅުވީ، އެމެރިކާގެ އިންތިހާބު ކުރިއަށްދިޔައީ ވަރަށް އިންސާފްވެރިކޮށް ކަމަށެވެ.

2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ނަޝީދު މޮޅުވި ނަމަވެސް، ސުޕްރީމް ކޯޓުން ނަތީޖާ ބާތިލްކުރި ހާދިސާއަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން އެމަނިކުފާނު ބަލައިގަތް ކަމަށެވެ. އެއީ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވިއެވެ. 

2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބާއި އަޅާބަލާއިރު އެމެރިކާގައި ކުރިއަށްދިޔަ އިންތިހާބަކީ ވަރަށް އިންސާފްވެރި އިންތިހާބެއް ކަމަށާއި، އެ އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް ރައީސް ޑޮނާލްޑް ޓްރަމްޕަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

އެމަނިކުފާނު މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ބުރާސްފަތިި ދުވަހު ހެނދުނު އެމެރިކާގެ ކެޕިޓަލް ހިލްގައި ހިނގައިދިޔަ ހާދިސާ ކުށްވެރިކުރައްވައިވެސް ރައީސް ނަޝީދު ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން، އެއީ ބަަޣާވާތެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މި އަހަރުގެ ކޮންގްރެސްގެ ހާއްސަ ސެޝަން ކުރިއަށް ދިޔަ ވަގުތު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްއަށް ވަދެ ގިނަ ހަމަނުޖެހުންތަކެއްވެސް ހިންގާފައިވެއެވެ. މި ހަމަނުޖެހުންތަކުގައި 4 މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު