ޖަސްޓިސް ރިޓަޔަރޑް މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ތިން ދުވަހަށް ޝަަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފި އެވެ. 

ޝަރުޢީ ދާއިރާއަށް އަދި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވީ ބުދަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. 

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއް ބުނީ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ބުރާސްފަތި ދުވަހުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާކަމަށެބެ. އަދި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއް ކަމަށެވެ. 

21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، 1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ. 

މީގެއިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު