ވަޅުލާފައި ހުއްޓާ އަތުލައިގަތް ޑްރަގްގެ މައްސަލަ މަޖިލީހަށް

ގދ. ހުޅުވާރުލުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ގދ. ހުޅުވާރުލުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާ ކުރި ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ލޯންޗަކުން ގެނެސް ޑިންގީއެއްގައި ފަޅު ރަށަށް ބަލައި، އެ ރަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ އަތުލައިގަނެ ފުލުހުން ހިންގި ތަހުގީގަށްފަހު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. މީގެތެރެއިން 4 މީހެެއްގެ މައްޗަށް ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އަނެއް މީހާގެ މައްޗަށް އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލިއެވެ. އެ ދައުވާތައް ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ.

ނަމަވެސް އެ މައްސަލަ ބެލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް ނެތް ކަމާއި އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށް ހިނގާފައިވާ ސަރަހައްދުގެ ކޯޓަށް ކަމަށް ކުރިމިނަލް ކޯޓުން ނިންމައި މައްސަލަ ބޭރުކޮށްލިއެވެ. އެހެންވެ ފަޅު ރަށުގެ އިހްތިސޯސް ހިމެނޭ ސަރަހައްދަކީ ގދ. ގައްދޫ ކަމަށްވާތީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދައުލަތުން ވެއްދިއެވެ.

ނަމަވެސް އެ ކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލީ ދައުވާ އުފުލުމުގެ މުއްދަތު ހަމަވި ފަހުން މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާތީ ކަމަށް ނިންމުމުގައިވެއެވެ. މި މައްސަލަ އިސްތިއުނާފްކުރުމާއި ގުޅޭ ގޮތުން އަދި ޕީޖީ ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.މިކަމާއި ގުޅިގެން އަންގާރަ ދުވަހު ޓްވީޓް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުަށްޓަކައި އިއްޔެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެެވެ.

2019 ވަނަ އަހަރު ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރައެވެ. އެ ފަހަރު އަތުލައިގަތީ ހެރޮއިން އާ ކެނަބިސްއެވެ. 

ކިޔުންތެރިންގެ ހިޔާލު