އަދާލަތު ޕާޓީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހުޅުވާލައިފި

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި، 30 ޖެނުއަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބުގައި ވޯޓު ލުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށެވެ. އެހެންނަމަވެސް، އެ ޕާޓީ ގަވާއިދުގެ ދަށުން، ވޯޓު ލުމަށްޓަކައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ގޮފިތަކަށް ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ލުމުގެ ހައްގުވެސް ލިބޭނެއެވެ.
އެގޮތުން، ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ގޮފި ތަކުން، އެކަމަށް އެދޭ ފޯމް 16 ޖެނުއަރީ 2021 ގެ 14:00 ގެ ކުރިން ޕާޓީގެ މައި އިދާރާއަށް ފޮނުވަން ޖެހޭނެއެވެ.
މި މަހުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 13 ޖެނުއަރީ 2021 ގެ ކުރިން އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއެވެ. ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ޕާޓީގެ ރައީސްކަމުގެ މަގާމަށް ޝެއިހް އިމްރާން އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 2011ވަނަ އަހަރުއެވެ.