މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގުޅީފަޅު ޚާއްސަކުރުމަށް މުއިއްޒުގެ އާދޭސް

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ މަންޒިލަކަށް ގުޅީފަޅު ހެދުމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ކުރީގެ ހައުސިންގ މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅުގައި ޕޯޓް އެޅުމުގެ ބަދަލުގައި އެއީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ މަންޒިލަކަށް ހެދުމަށް އަދިވެސް ވަގުތު ފާއިތުނުވާ ކަމަށެވެ. އަދި އަދިވެސް ސަރުކާރު ބޭނުންވާނަމަ ޕޯޓް އެޅުން ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށާއި މާލޭގެ ރައްޔިތުންގެ ހައްގުގައި އެކަންތައް އެގޮތަށް ކޮށްދެއްވުމަށް ސަރުކާރަށް އާދޭސް ދަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.މުއިއްޒު މިހެން ވިދާޅުވިއިރު މީގެކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ މި ސަރުކާރުން ގުޅީފަޅުގައި ޕޯޓް އެޅި ނަމަވެސް އިދިކޮޅުގެ ވެރިކަމެއްގައި އެ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. 

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާއިރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅީފަޅު ހިއްކައި އެތަނުގައި ފްލެޓް އެޅި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ޑރ. މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުން ގުޅީފަޅުގެ މަސައްކަތް އެއްކޮށް ހުއްޓާލެވުނެވެ. އަދި އެތަނުން ފްލެޓް ގަތް ފަރާތްތަކަށް ފްލެޓް ދޫކޮށްފައިނުވާއިރު އެ ފަރާތްތަކަށް އަނބުރާ ފައިސާ ދައްކަމުން ވެސް ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. 


ކިޔުންތެރިންގެ ހިޔާލު