ކޮވިޑަށް މިއަދު ވެސް 59 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް 19 އަށް މިއަދު ވެސް 59 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،277 އަށް އަރާފައެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 17 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 33 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 9 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،318 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 783 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 55 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،438 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައެވެ.

ފާއިތުވި ހަތަރު ދުވަހުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު