ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށައިފި

ޖުޑީޝިއަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ގާޒީއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. 

ޖޭއެސްސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ބަލަމުންދަނީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރިޔަމް ވަހީދާގެ މައްސަލައަކާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު މުހައްމަދު ސަމީރުގެ ދެ މައްސަލައެކެވެ. 

އެގޮތުން ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރިޔަމް ވަހީދާ އެ ކޯޓުގައި ކުރިޔަށް ދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމަކާއި އެ ގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތްކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް އަމަލުކޮށްފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީއިން ވަނީ ހާމަކޮށްފައެވެ. 

ހަމައެހެންމެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ނުލިބޭ ފަދަ ގޮތަކަށް އަމަލުކޮށް، ޝަރީއަތުގެ އަޑުއެހުން ކުރިޔަށް ގެންދިޔުމުގައި އެކަށީގެންނުވާ ގޮތަށް ގާޒީ ސަމީރު އަމަލުތައް ބެހެއްޓެވި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. މީގެއިތުރުން ވެސް އެ ގަޒިއްޔާގެ އެހެން އަޑުއެހުމެއްގައި ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުން ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަ ދައްކައި އަދި އެ ވަކީލުންނާ މެދު ތައައްސުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު އަމަލުކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީއިން އަންނަނީ ތަހުގީގުކުރަމުންނެވެ. 

އިއްޔެ ބޭއްވި ކޮމިޝަންގެ ޖަލްސާގައި ވަނީ މި ދެ ގާޒީންގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު