އާރުޑީސީގެ ޓީމެއް ގދ. ގައްދޫއަށް

ގދ. ގައްދޫގެ މަގު ހެދުމުގެ މަސައްކަތްކުރިޔަށްދާ ގޮތް ބަލާލުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޓީމެއް އެ ރަށަށް ދަތުރުކޮށްފިއެވެ.

މި ޓީމުގައި އިސްކޮށް ގައްދޫއަށް ވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ. ގައްދޫ މަގު ހެދުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. 

މި މަޝްރޫއުގެ ދަށުން ރޯޑް ޑިޒައިން އަދި އީ.އަ.އި.އޭގެ މަސައްކަތް ނިމި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. 

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ގދ. ގައްދޫގެ 06 މަގެއްގައި ތާރުއަޅާ ރަނަގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ. މިގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ (65،381.24 އަކަމީޓަރު) ގެ މަގެވެ.

މި މަޝްރޫއަކީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 138،738،153.42 ރުފިޔާއަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 


ކިޔުންތެރިންގެ ހިޔާލު