އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކުރަނީ

ޢަލީ ޔާމީން
ފޮޓޯ : މިހާރު

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަން އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ގޮތުގެ ފޯމެޓް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ފޮނުވައި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހަޅަން އަންގާފައިވާ ކަމަށާއި ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަނީ އެ ބޭފުޅުންނާ ދޭތެރޭ އޮތް އިތުބާރު ބޮޑުކުރުމަށް ކަމަށެވެ.

"މި ކެމްޕެއިންގެ ހުރިހާ ކަމެއް އަދި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވެސް ވީހާވެސް ދެ ފުށް ފެންނަ ސީދާ ގޮތަށް އަޅުގަނޑުމެން އާއްމުކުރަން, މިކަން މިކުރަނީ،" އަފްޝަން ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 10 ފޯމެއް މައުލޫމާތު ފުރިހަމަ ނުވާ ކަމެއް ބުނެ އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ. އެމްޑީޕީން ބުނީ ބާތިލް ކުރި 10 ފޯމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު