ކަނޑުފޭރޭ މީހުންގެ ބިރުވެރިކަން ރާއްޖެއަށް

ޢަލީ ޔާމީން
ފޮޓޯ : މިހާރު

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަހަރައްދުގެ ސަބަބުން ކަނޑުފޭރޭ މީހުންގެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މަޢުމޫނު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެރިޓައިމްް އެފެއާޒުން އިންތިޒާމުކޮށްގެން ބާއްވާ، "އިންޓަނޭޝަނަލް މެރިޓައިމް ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެއަށް އިންޑިޔާ ކަނޑުގެ އުދުވާންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ޚާއްޞަކޮށް ކަނޑުފޭރޭ މީހުންގެ ނުރައްކާ ރާއްޖެއަށް އެބަ އޮތް ކަމަށެވެ.


"ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އިންޑީޔާ ކަނޑުގައި ހިނގާ އުދުވާންތަކުގެ ނުރައްކާ ރާއްޖެއަށް އެބަ އޮތް. އެންމެ ފާހަގަކޮށްލެވޭ ނުރައްކަލަކީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ." ދުންޔާ ވިދާޅުވި އެވެ.

އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމާލާއިންވެސް، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އޮތް ނުރައްކާތެރިކަން އިޙްސާޞް ކުރެވުނު ކަމަށް ދުންޏާ ވިދާޅުވިއެވެ.

ކަނޑު ފޭރޭ މީހުންގެ ބިރުވެރިކަން ރާއްޖެއަށް އެބައޮތް ކަމަށް ދުންޔާ ވިދާޅުވެފައިވާއިރު މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ރާއްޖޭގެ ކަނޑުގެ ސަހަރައްދުން ކަނޑުފޭރޭ މީހުން ތިބި ބޯޓުތައް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު