މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތައް 2.1 ބިލިއަން ރުފިިޔާ ލިބުނު

ޢަލީ ޔާމީން
ފޮޓޯ : އޭއޯ ނިއުސް

ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އޮތޯރިޓީއަށް ލިބުނު 2.1 ބިލިއަން ރުފިޔާއަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.2 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރާ އަޅާބަލާއިރު 2.9 އިންސައްތަ މަދު އަދަދެކެވެ.

ދައުލަތަށް އެންމެ ގިނަ ފައިސާ ވަދެފައިވަނީ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީއިން އެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި 880 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 41 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނައީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 799 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެެވެ.

މިދިޔަ މަހު ލަފާކުރި އާމްދަނީއަށް ވުރެއް އިތުރު އާމްދަނީއެއް ރާއްޖެއަށް ލިބުނީ ފަތުރުވެރިން ގިނައިން ރާއްޖެ އައިސްފައިވުމުންކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު