ހުކުމާއި އެއްގޮތައް މައުމޫންގެ ހަތަރު ބޭފުޅުން ފައިސާ ދައްކަވައިފި

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން މިއަދު ފައިސާ ދައްކަވައިފި އެވެ.
މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫންގެ މައްޗަށް ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް 2.1 މިލިއަން ރުފިޔާ ދައްކަން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި އެ ކުންފުނިން ކުރި އިމާރާތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.
ރައީސް މައުމޫންގެ އާއިލާގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް، މިއަދު އެ ފައިސާ އެއްކޮށް ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ ދެއްކެވީ އެއީ ކޮންމެހެން ދައްކަން ޖެހޭ ފައިސާ ކަމަށް ގަބޫލު ކުރާތީ ނޫން ކަމަށެވެ. އަދި އެ ފައިސާ ދެއްކީ މަސްލަތައް ވިސްނާފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ރައީސް މައުމޫންގެ ދެ ދަރިކަލުން ކަމަށްވާ ފާރިސް މައުމޫން އާއި ޣައްސާން މައުމޫނަކީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮވެގެން ނުވާނެއެވެ. އަދި ހުކުމާއި އެއްގޮތައް ދަރަނީގެ ފައިސާ ނުދައްކައިފި ނަމަ ކެންޑިޑޭޓުގެ ކެންޑިޑަސީ ފޯމު ބާތިލް ކުރެވޭނެއެވެ.