މިއަހަރު ރާއްޖޭގެ ބައިލައްކައަށް ވުރެއް ގިނަ މީހުންނަށް ސާފު ބޯފެނުގެ ހިދުމަތް ލިބޭނެ: މިނިސްޓަރު

ޢަލީ ޔާމީން
ފޮޓޯ : ވީ ނިއުސް

މިއަހަރު، އާބާދީގެ ރާއްޖޭގެ 59،000 ވުރެއް ގިނަ މީހުންނަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން އއ.މަތިވެރީގައި ބޭއްވި ހަފްލާގައި މިނިސްޓަރު ހުސެއިން ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

މިނިސްޓަރ ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށް މިހާރު ސާފު ބޯފެން ފޯރުކޮށްދެވެމުން އަންނަ ކަމަށެވެ.

"މިއަދާ ހަމަޔަށް ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ 50 އިންސައްތައަށް ސާފު ބޯފެނުގެ ޚިދުމަތް ދަނީ ފެނުގެ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދެވެމުން" މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި 82 ރަށެއްގައި ފެނުގެ ނިޒާމް އަދި 63 ރަށެއްގައި މުޅިން އަލަށް ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ހިމަނާފައިވާ ކަމަށެވެ.

"އަލަށް މިފެށޭ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 40020 އާބާދީއަކަށް ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އަދި ރާއްޖޭގެ 59،989 އާބާދީއަކަށް ސާފުފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސަރުކާރުން ސާފު ފެނުގެ ނިޒާމެއް ގާއިމްކުރުމަށް ގާތްގަނޑަކަށް 25 މިލިއަނާއި 30 މިލިއަނާއި ދެމެދުގެ އަދަދަކަށް ފައިސާ ހަރަދު ކުރާ ކަމަށް މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު