ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި

އީމާ މުހައްމަދު ވަހީދު

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ގަދަޔަށް ވިއްސާރަކޮށް މޫސުން ގޮސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އަދި އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޮސްވާނެ ކަމަށް ލަފާކޮށްފައިވާތި ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ކަނޑު ދަތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިޒްމިއާ ޒާހިރު އިތުރަށް ވިދާޅުވީ، މޫސުން ގޮސްވެ މިކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް އުދައަރަމުން ދާތީ، ރައްޔިތުން އެމީހުންގެ މުދަލަށް ރައްކާތެރިވެ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުންގެ އިތުރުން އެމްްއެންޑީއެފުން ވެސް ވަނީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށާއި، އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު