ސީއެންއެމްއާއި މެދު ފިޔަވަޅު އަޅަން ޑީޖޭއޭއިން ކަމާބެހޭ ވުޒާރާތަކަށް ހުށަހަޅައިފި

ޢަލީ ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް، 12 މެއި 2019 ގައި ސީއެންއެމް. އެމްވީގައި ޝާއިޢުކޮށްފައިވާ ހަބަރަކީ ހަޤީޤަތެއް ނެތް ހަބަރެއް ކަމުން އެ ހަބަރުގެ މައްސަލައިގައި ސީއެންއެމްއަށް ފިޔަވަޅު އަޅަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޮނުވައިފި އެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް 348 މިލިއަން ދައްކަަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓައި، މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް ސީއެންއެމްގައި މިދިޔަ ހަފުތާގައި ލިޔެފައިވާ ލިޔުމަކީ ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގުތައް ކޮށް، އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް މި ޑިޕާޓްމެންޓްގެ ފަރާތުން 15 މެއި، 2019 ވީ ބުދަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ޑީޖޭއޭ އިން ބުނީ، ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ބިނާކުރި ސަބަބުތަކާ އެކު، އެ ކޯޓުގެ ނިންމުން ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށާއި  އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއް އޭގައި އެކުލެވިގެންވާ ތުހުމަތުތަކެއް ނޫންކަމަށެވެ. އަދި ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ކުރާ އެފަދަ ކަންކަމީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ޑީޖޭއޭ އިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުން އުފެދު ޤައުމުގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުވާ ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ،

ކޮރަޕްޝަންގެ ތުހުމަތެއް ކޮންމެ މީހަކާ މެދު ކުރެވުނަސް، އެކަން ހުށަހެޅޭނެ މުއައްސަސާތައް ހުރިކަން ފާހަގަކޮށް، ޑީޖޭއޭ އިން ބުނީ، އެ ފުރުސަތުގެ ބޭނުން ކުރުމެއް ނެތި ފަނޑިޔާރުންނާ މެދު ދޮގު ތުހުމަތުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގެ އަލްސަކީ ފަޑިޔާރުގެ އިސްލާހު ކުރުމަށް އެ ޑިޕާޓުމެންޓުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުން ކަމުގައިވެސް ބަޔާނުގައިވެއެވެ.

ޑީޖޭއޭ އިން ވަނީ ފަނޑިޔާރުންގެ އަގުވެއްޓޭނެ ގޮތައް އެއްވެސް އަސާސެއްނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށް، އެ ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދުގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު