ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ފުލުހުން

ފުވައްމުލަކު ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ މެންދުރު، 13:24 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 30 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ އޮޕަރޭޝަންގައި ފުވައްމުލަކު ސިޓީ އެއަރޕޯޓުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހާގެ ހަށިގަނޑު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އަރައިގެން ހުރި ފައިވާނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ވެސް ވަނީ، ށ.އަތޮޅާއި ނ.އަތޮޅުން ދެ މީހަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު