ރަހިމު ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ޓްރީ ޓޮޕްގައި ކޮށްފި

ސަދާ ސައީދު
ފޮޓޯ: ޕީއެސްއެމް ނިއުސް

ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީ އޮޕަރޭޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ކާމިޔާބު ކަމާ އެކު ކޮށްފި އެވެ. މިއީ މީގެ އެއް އަހަރު ކުރިން ހުޅުވި ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީ އަކީ ލޯވަޅެއްތޮރުފައިގެން ރަހިމް ނެގުމަށް ކުރާ ހާއްސަ އޮޕަރޭޝަނެކެވެ. އެއީ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ބައެއް ބަލި ބައްޔާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަނެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި އެ ތަނުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމަންޓަކީ ކޮންމެ އުމުރުފުރައެއްގެެ އަންހެނުންނަށް ވެސް ފަރުވާދިނުމުގެ ގާބިލްކަން ލިބިފައިވާ ތަނެކެވެ. އެގޮތުން ދަރިމައިވުމުގެ ސިއްހަތާއި އަންހެނުންގެ އެހެން ބަލިތަކަށް ރަނގަޅު ފެންވަރަކަށް ފަރުވާ ކުރުމަށް އެ ޑިޕާޓްމަންޓުން މަސައްކަތްކުރާ ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިއްޔެ އެ އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުންނެވީ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ.ވަރްޝާ ރެންގަރާޖް އެވެ. އޭނާ އަށް އެހީތެރިވީ ހޭނައްތާ ޑޮކްޓަރަކާއި ނަރުހުން ޓީމެކެވެ.

ދަރިމައިވުމާއި ވިހެއުމުގެ ކަންކަމުގައި އެހޮސްޕިޓަލުން ގިނަ ބަޔަކު ފަރުވާ ހޯދަ އެވެ. ހޮސްޕިޓަލުގައި 100 ވަނަ ކުއްޖާ އުފަންވީ މިދިޔަ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު