ޖަލުގެ އޮޑިޓް ރިޕޯޓްގައި ވަނީ ދޮގު: އެޗްއާރްސީއެމް

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ރައީސް އޮފީސް

"ޕްރިޒަންސް އޮޑިޓް ކޮމިޓީ" އިން ކުރި މަސައްކަތަށް ފަހު އިއްޔެ ނެރުނު ރިޕޯޓުގައި ވަނީ ދޮގު މައުލޫމާތު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ޖަލު އޮޑިޓް ރިޕޯޓް އިިއްޔެ އާންމުކޮށްފައިވާ އިރު އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮޑިޓް ރިޕޯޓަކީ އެޗްއާރުސީއެމްއިން ބަލަމުން އަންނަ އަނިޔާކުރުމުގެ މައްސަލަތަކާއި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، އެ ރިޕޯޓް އެކުލަވާލި ކޮމިޓީއަށް ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމުގެ ނެތި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށައެޅުންތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ހުށައެޅުންތަކެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހާރު ވެސް އެ ހުށަހެޅުންތައް ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ހުށަހެޅުންތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެޗްއާރްސީއެމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި އެހެނިހެން ތަންތަން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު