ސަރުކާރުން ޕީޕީއެމްއަށް ފައިސާ ނުދީ ހިފަހައްޓަނީ އެ ޕާޓީއަށް ދަތިކުރުމަށް: ޝިޔާމް

ސަދާ ސައީދު
ފޮޓޯ: މިހާރު

ސަރުކާރުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާތައް ނުދީ ހިފަހައްޓަނީ ޕީޕީއެމްއަށް ދަތިކުރުމުގެ ގޮތުން ކަމަށް ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖަޒީރާ ނިއުސްއަށްދިން ހާއްސަ އިންޓަވިއުުއެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާތައް ނުދީ ހިފަހައްޓަނީ ޕީޕީއެމްއަށް ދަތިކުރުމުގެ ގޮތުން ކަމުގައި ގަބޫލުކުރާކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރުާ ފައިސާއަކީ ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، ކޮންމެ ޕާޓީއަކަށް ލިބެންޖެހޭ ހައްގެއްކަން ޝިޔާމްވަނީ ފާހަގަކުރައްވާފައެެވެ.

"އެއީ ގާނޫނީ ގޮތުން ކޮންމެ ޕާޓީއަކަށްވެސް ދައުލަތުން ދޭންޖެހޭ ފައިސާ" ޝިޔާމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އީސީއިން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާތަކެއް ނުދީ ހިފަހައްޓާފައިވެއެވެ. އެފަހަރު އެފައިސާ ނުދީ ހިފެހެއްޓުމުން ޕީޕީއެމްއިން ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

އެގޮތުން އެފަހަރު އީސީގެ ފަރާތުން ޕީޕީއެމްއަށް ފައިސާދޭން ހުށަހެޅުމުންވެސް ފިނޭންސްއިން އެފައިސާ ނުދީ ހިފެހެއްޓިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"އިލެކްޝަންސް ކޮމިޝަންސްއިން ބަަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ފައިސާ ދޫކުރުމަށް އެދުމުން އެ ހިފެހެއްޓޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް." ޝިޔާމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން އެކިގޮތްގޮތުން ޕީޕީއެމްއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާތައް ނުދީ ހިފެހެއްޓުމާއި މިދިޔަ މަޖިލިސް އިންތިހާބާއިި ދިމާކޮށް ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ޕީޕީއެމަށް ފައިސާ ދޫކޮށްފައިނުވާއިރު އެ ޕާޓީއަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 9،377،167.06 ރުފިޔާއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް އިސީން ފިނޭންސަށް ފޮނުވާފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު