ސުކޫލުތަކުގެ ކިޔެވުން ފަތިސް ނަމާދުން ފަށަނީ

އީމާ މުހައްމަދު ވަހީދު
ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

އެއް ދަންފަޅިއަށް ސުކޫލުތައް ބަދަލުކުރުމުން ކިޔެވުން ފެށޭނީ ފަތިން ނަމާދުން ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމްއެގް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ފަތިސް ނަމާދަށްފަހު ކުދިން ތަފާތު ކުޅިވަރާއި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު، ގެއަށް ގޮސް ސުކޫލަށް ތައްޔާރުވެގެން އައިސް ސްކޫލުން ނާސްތާ ކުރުމަށްފަހު، ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެކަމުގެ ބޭނުމަކީ، ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެ އާއި ދިރިއުޅުމަށް ތައްޔާރުކޮށް ދިނުން ކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ސުކޫލު ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން އާއިލާ އާއި އެކީ ހޭދަކުރޭ ވަގުތު ގިނަވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ  ވިދާޅުވީ، ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްތަކުން ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖުތަމައަށް ނެރެދިނުމަކީ ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު