ޚީޔާނާތަށް ތުހުމަތު ކުރެވޭ މުއާމަލާތް އިސްލާމިކް ބޭންކުން ރިޕޯޓް ނުކުރާކަން ހާމަވެއްޖެ

އަބްދުﷲ ޔާމިން

މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތާއި ގުޅުންހުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓްކޮށްފައި ނުވާކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ދެއްކެވި ވާހަކަތަކާއި ގުޅުންގެންނެވެ. 

ރާއްޖޭގެ އެއްވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކުން ދެ ލައްކަ އަށްވުރެއް ގިނަ ރުފިޔާގެ މުއާމަލާތެއް ހިނގާނަމަ އެކަމަކީ އެމްއެމްއޭއަށް ރިޕޯޓްކުރަންޖެހޭ ކަމެކެވެ. އަދި އޭގެތެރެއިން މަނީލޯންޑްރިންގއަށް ޝައްކުކުރެވޭ މުއާމަލާތްތަކަކީ އެފްއައިޔޫއަށް ރިޕޯޓް ކުރަންޖެހޭ ކަންކަމެވެ. 

މާލިއްޔަތު ކޮމިޓީގައި އާތިފް ދެއްކެވި ވާހަކަތަކުން ހާމަވިގޮތުގައި ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފްގެ ހަތަރު ނުވަތަ ފަސް އެކައުންޓް އޮތްއިރު، އަދި އެ އެކައުންޓްތަކުްނ މަނީލޯޑްރިންގ އާއި ގުޅުންހުރި ގިނަ މުއާމަލާތްތަކެއް ހިންގާފައިވާއިރު ބީއެމްއެލްއެިން އެފްއައިޔޫއަށް ރިޕޯޓްކޮށްފައިވަނީ އެންމެ މުއާމަލާތެކެވެ.

އާތިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާގެ މައްސލައިގައި އިހުމާލުވަނީ ހަމައެކަނި ޤައުމީ ބޭންކް ނޫންކަމަށާއި، އިސްލާމިކް ބޭންކާއި މިނިވަން މުއައްސަސާތަކާއި ތަހުޤީޤީ އިދާރާތައްވެސް އެކަމުގައި އިހުމާލުވެފައިވާކަމަށެވެ. 

އާތިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް (ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް) ވަތް އެއް މިލިއަން ޑޮލަރުގެ މުއާމަލާތް އެ ބޭންކުން އެފްއައިޔޫއަށް ރިޕޯޓްކޮށްފައިވާނުވާކަމަށެވެ. އަދި އެކަމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމަށް އާތިފް ވިދާޅުވިއެވެ. 

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އެއްމިލިއަން ޑޮލަރު އެމްއައިބީއަށް ވަން ވާހަކަ. އެވާހަކަ ކޮންތާކުންތޯ ތިބޭފުޅުން ދެކެވަޑައިގަތީ؟ އެކަމެއް ސޯޝަލް މީޑިއާގަ ލީކުކޮށްލީމަ ނޫންތޯ ފެނުނީ. އެ އެއްމިލިއަން ޑޮލަރުގެ ވާހަކަ އެމްއައިބީން ރެއިންޒްކޮށްފަ އެބައޮތްތޯ؟ ކޮބައިތޯ އެމްއައިބީން ކުރި ރިޕޯޓް؟ މުޅި މުޖުމަޢުގަ ލެވިފަ އޮތް ތަޅެއް އެއީ މިވާހަކަ ނުދައްކާ އޮތީ."

އާތިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޚަރަދުކޮށްފައިވަނީ މާލީ ފައިދާތަކެއް ހޯދުމަށްވުރެއް ބޮޑަށް ސިޔާސީ މުއާމަލާތްތަކެއް ކުރުމަށްކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު