އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް ވަރަށް ގިނައިން ރައީސް ޔާމީން ގުޅުއްވާ: އަދީބު

އަބްދުﷲ ޔާމިން

އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް ވަރަށް ގިނައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅުއްވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ. 

އަދީބު އެފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން އަދީބު ވިދާޅުވެފައިވަނީ، 2015 ވަނަ އަހަރު އެއްވެސް އިންތިހާބެއް ނެތް ކަމަށާއި އެހެންވެ އެ އަހަރު އެއްވެސް ކެމްޕެއިން ފައިސާއެއް ހޯދައިފައި ނުވާކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކެމްޕެއިނަށް ޔާމީނަށް ލިބިވަޑައިގެން ފައިސާ ކަމަށް ޔާމީން ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް އަދީބު ވިދާޅުވިއެވެ. 

އަދި އަދީބު ވިދާޅުވީ ކެމްޕެއިން ފައިސާއެއް ދެއްވަން ޔާމީން ނުގުޅުއްވާ ކަމަށާއި އެކަމަކު އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ވަރަށް ގިނައިން ޔާމީން ގުޅުއްވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް އެ ފައިސާ ހޯދަން ޔާމީން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވިއެވެ. 

އަދި ހެކިބަސް ދޭން އައިސްމިހިރީ ދައްކާ ވާހަކަތަކުން އިތުރު ހުކުމެއް އަޔަސް ހެޔޮކަމަށް، އަދި ރައްޔިތުން ކަންކަން ހިނގާފައިވާގޮތް އިނގެންޖެހޭކަމަށް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާ ދިޔަ ފަރާތްތަކާއި އެކަމުގެ މުގުލައި ތިބި ފަރާތްތައް ދައުލަތަށް ކިޔައިދޭނެ ބޭނުންވާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބުގެ ބައެއް އެކުވެރިންނަށް ރައީސް ޔާމީން ގުޅުއްވުމުން ރައީސް ޔާމީންގެ ގެކޮޅަށް އެމީހުން ފައިސާ ހިފައިގެން ގޮސް ރައީސް ޔާމީނަށް ފައިސާ ހަވާލުކޮށްފައި ހުންނާނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީން އަންގަވައިގެން ޤާނޫނާއި ޚިލާފު ކަންކަން ކޮށްފައި ހުރި ކަމަށެވެ.

"ކެމްޕެއިން ފައިސާއޭ ރައީސް ޔާމީން މިހާރު ވިދާޅުވަމުން ތިދަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް" އަދީބު ވިދާޅުވިއެވެ.

މައްސަލައިގައި އަދީބުގެ ހެކިބަސް ނަގާ ނިންމާފައިވާއިރު ރައސިް ޔާމީނާއި އަދީބާއި ދެބޭފުޅުން ކޯޓުތެރޭގައި ވަނީ ޒުވާބު ކުރައްވާފައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވފައިވާ ފައިސާ އަކީ ކެމްޕެއިން ފައިސާކަމަށް ރައީސް ޔާމީން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވިނަމަވެސް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ އެއީ ކެމްޕެއިން ފައިސާ ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް އަދީބު ތަކުރާރުކޮށް ވިދާޅުވިއެވެ.

އަދީބު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، އެމްއެމްޕީއާރްސީގެ ފައިސާ ދިން މީހުނާއި، އެކމަުގެ މުގުލުގައި ތިބި މީހުން ހާމަކުރަން ބޭނުންވާކަމަށް ވިދާޅުވި ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ ހައިލަމް އެފުރުސަތު ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު