އޭސީސީން ބަލައި ނިންމި މައްސަލަތައް 59 އިންސައްތަ ދަށަށް

ޢަލީ ޔާމީން

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 59 އިންސައްތަ ދަށްވެއްޖެއެވެ.

އޭސީސީ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޮމިޝަނުން ބަލައި ނިންމާފައި ވަނީ 198 މައްސަލައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ 486 މައްސަލަ ބަލައި ނިންމައިފައެވެ. އެހެންކަމުން މިއީ 2018 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 59 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީ އިން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިމެނޭތީ ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެކެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅުމު މައްސަލަތަކުގެ ތެރެއިން 197 މައްސަލަ އަކީ ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތް މައްސަލަތައް ކަމަށް ވަނީ ނިންމައިފައެވެ.

އޭސީސީން ވަނީ ދެވަނަ ކުއާޓަރުގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާއި ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، 61 އެންގުމެއް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު