އަމާނާތްތެރިކަމުގެ ނަމޫނާއެއް، ހަދާން ނެތީ ޓެކްސީގައި ބެހެއްޓުނު "ލަގެޖު" ވެރިފަރާތާއި ހަވާލުކޮށްދީފި

ކޮންމެ ޓެކްސީ ޑްރައިވަރަކީ ރުންކުރު ޑްރައިވަރެއް ނޫނެވެ. ބައެއް ޓެކްސީ ޑްރައިވަރުންނަކީ ހިތްހެޔޮ އަދި އެހާމެ އަމާނާތްތެރި ޑްރައިވަރުންނެވެ. އެކަން މިފަހަރު ސާބިތުކޮށްދިނީ "އަވަސް ރައިޑް"ގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަހުމަދު ސާމީއެވެ.
ބިދޭސީ އަންހެނެއް މިއަދު ކޮށްފައިވާ ޓްވިޓާގައިވާ ގޮތުން ސާމީ ވަނީ ހަދާން ނެތީ ޓެކްސީގައި ބެހެއްޓުނު އޭނާގެ ލަގޭޖު އިތުރު ފީއަކާއި ނުލާ އަނބުރާ ރަށްދުކޮށްދީފައެވެ.
"މިއަދު ހެނދުނު އަހަރެން "އަވަސް ރައިޑު" އެޕްލިކޭޝަނުން ނެގި ޓެކްސީއެއްގެ ފަހަތު ސީޓުގައި އަހަރެންގެ ލަގޭޖު ހަދާން ނެތީ ބެހެއްޓުނު. އަދި ޓެކްސީ ޑްރައިވަރަށް ގުޅުމުން އޭނާ ބުނީ ހުޅުމާލޭގައި ކަމަށް. ނަމަވެސް އަހަރެންގެ ލަޖޭގު ހިފައިގެން އޭނާ އެވަގުތު މާލެ އައި. އަދި އިތުރަށް އެއްވެސް ފައިސާއެއްވެސް އަހަރެންގެ އަތުން ނުނަގާ. މިއީ އަހަރެން މާލެ ދެކެ ލޯބިވާ ސަބަބު. ޝުކުރިއްޔާ އަހުމަދު ސާމީ" ޓެކްސީ ޑްރައިވަރުގެ ފޮޓޯއާއި އެކު ފެންގް ފެންގް ނަމަށް ކިޔާ އެ އަންހެން މީހާ ކޮށްފައިވާ ޓްވީޓުގައިވެއެވެ.
ސާމީގެ މި އަމަލަށް އެތައް ބަޔަކު ދަނީ މީސް މީޑިޔާގައި ތައުރީފު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ސާމީ ކިބައިން ނަމޫނާ ލިނިގަތުމަށް އެހެން ޓެކްސީ ޑްރައިވަރުންނަށް ގޮވާލައިފައެވެ.