ދަރިންނަކީ އިންސާފަށް ލޯބިކުރާ ނަޒާހަތްތެރި ދަރިންނަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ: ރައީސް

އަލީ ޝިފާޒް
ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބޭނުންވާ އިޞްލާޙީ ބަދަލުތައް، ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެން ކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ތަޢުލީމުގެ ތެރެއިން، ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ، އިޤްތިޞާދީ ފުދުންތެރިކަން ލިބުންކަމަށެވެ. އަދި އިޤްތިޞާދަކީ އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީ ގޮތުން މެދުވެރިވާ ޙާލަތެއްކަން ފާހަގަކުރައްވައި އެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެބައެއްގެ ޢިލްމީ ޤާބިލްކަން އިތުރުވި މިންވަރަކުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތަޢުލީމީ ބިންގާ އެޅި، ޢިލުމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީޚުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ޙައްޤުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އެދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެރަށުގެ ޢަލީ ޙަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ޤައުމުތަކުގައި ދުއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަޤްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ 5 ދޯންޏެއް ބަނދެދީފައިކަމަށާ އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަޚުރެއްކަމާއި އަދި ނޫއިޤްތިޞާދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ޙިއްޞާ، ވަރަށް ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލްކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެންކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖްތަމަޢުތަކުގެ މީހުންނަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު