އަހަރު ނިމެން ތިން މަސް، އާސަންދަ ފައިސާގެ 72 އިންސައްތަ ހަރަދުކޮށްފި

ޢަލީ ޔާމީން
ފޮޓޯ: ރާއްޖެ އެމްވީ

އަހަރު ނިމެން ދެތިން މަހަށް ވެފައިވާއިރު، އާސަންދައިން މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައި ވަނީ 790.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމު ކުރާ މާލީ ރިޕޯޓުގައިވާ ގޮތުގައި އާސަންދައަށް ހޭދަ ކުރަން މި އަހަރު ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބާކީ ތިން މަސް އޮތްއިރު މިހާތަނަށް ހޭދަކުރެވިފައި ވަނީ 790.9 މިލިއަން ރުފިޔާ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ސަބްސިޑީގެ ގޮތުގައި ހޭދަ ކުރަން މި އަހަރަށް ކަނޑައެޅި 1,097.7 ބިލިއަން ރުފިޔާއިން މި އަހަރުގެ މިހާތަނަށް އައިއިރު 790.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ހިންގުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާތަނަށް ހޭދަ ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

މި އަހަރު ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވާއިރު، މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 16 ބިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު