މިހާރު މިދަނީ ނޫ ޤާނޫނު އަސާސީ އިޔާދަކުރުމާއި ދިމާއަށް: ސަލީމް

ޢަލީ ޔާމީން

މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނު އާސާސީ ވުޖޫދައް އައުމުގެ ކުރިން ބޭނުން ކުރަމުން ދިޔަ ނޫ ގާނޫނު އާސާސީ އިސްލާހު ކުރަން ޖެހުނު އެއް ސަބަބަކީ ބޭނުންހާ ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު ވިދާޅުވީ މިހާރު ގާނޫނު އަސާސީ އޮތް ގޮތުން މީހުން ހައްޔަރު ކުރުމުގެ ބާރު ސަލާމަތީ ހިދުމަތްދޭ ފަރާތްތަކަށް އޮތްކަމަށާއި، މީހުން ހައްޔަރު ކުރުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށް 24 ގަޑި އިރު ލިބޭ ކަމަށެވެ. ނަމަވެސް އެގޮތް ދޫކޮށް އަލުން އަނބުރާ މީގެ އެތައް އަހަރު ކުރިން ހަމައެއް ލަމައެއް ނެތި މީހުން ހައްޔަރު ކުރި އުސޫލަށް ބަދަލު ވާން މަސައްކަތް ކުރަނީ ކޮން މަގުސަދެއް ހާސިލް ކުރަންކަން ނުވިސްނޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، މިހާރު ސަރުކާރުގެ ވިސްނުން ހުރީ ނޫ ގާނޫނު އަސާސީ އިޔާދަކުރުން ކަމަށެވެ.

"އެހެން އޮއްވާ އަނެއްކާ ވެސް ދާން މި ޖެހެނީ އަނެއްހެން ބުނާ ނަމަ ހުދުމުހުތާރު ނިޒާމުގެ ތެރެއަށް އޭރުގައި ވަރަށް ގޯސް. އެހެންވީމަ ނޫ ގާނޫނު އަސާސީ އަލުން ބައްޓަން ކުރަން ނޫން ވީ ތޯ. މިހާރު އޮތް ގާނޫނު އާސާސީ އުވާލާފައި ނޫ ގާނޫނު އަސާސީ ގާނޫނަކަށް ހަދާފައި ދައުލަތުގެ މަތީ ބާރުތަކަށް ހުރިހާ ބާރުތަކެއް ދީފައި ބޭނުންހާ ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ދޭންވީ ނޫންތޯ. އޭރުން އަޅުގަނޑުމެން ހޮވި ވަލިއްޔުލް އަމުރު ބޭނުންވާގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިގެންދިޔައީމަ އެއޮތީ ރަނގަޅަށް ނޫންތޯ،" ސަލީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅާ ބިލުގައި ބުނެފައިވަނީ ޓެރެރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، އަދި 48 ގަޑި އިރުވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަަށް ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު