ފަޒީލް ބަންދުކުރުމަށް ނެރުނު އަމުރެއް ހައިކޯޓުން ބާތިލްކޮށްފި

ޢަލީ ޔާމީން

ލ. ފޮނަދޫން އެއަތޮޅު މާމެބްދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އިބްރާހިމް ފަޒީލް ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ފަޒީލް ހައްޔަރު ކުރީ މީހަކު ރަހީނުކޮށް ފޭރުމުގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި ފަޒީލް ހައްޔަރު ކުރުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަށް އޭނާ ހައްޔަރު ކުރަން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ހުޅުމާލެއިންނެވެ. އަދި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން މި އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން ފަޒީލްގެ ބަންދަށް އެ ކޯޓުން 10 ދުވަސް ޖެހިއެވެ.

ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ޖުލައި 11ގައި އޭނާގެ ފަރާތުން އެ އަަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ލ. ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރުގެ ދަށުން ފަޒީލް ހުޅުމާލޭގައި ހުއްޓާ ހައްޔަރު ކުރުމަކީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރި ކަމެއް ނޫން ކަމަށާއި، ނަމަވެސް އެ ހުކުމުގައި ވަނީ، މާލޭ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ފަޒީލްގެ ބަންދު މުއްދަތު މެއި 7ގައި ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ޖަހާފައި ވަނީ ބަންދު އަޑުއެހުންތައް ބޭއްވުމުގެ އިހްތިސާސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ދުވަސްވަރެއްގައި ކަަމަށާއި، އެެހެން ކަމުން  ހުޅުމާލޭ ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ.

ފަޒީލް އަކީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު