އެޗްޑީއެފްސީން ސްކޫކާއި ބޮންޑު ވިއްކަން ފަށައިފި

އެޗްޑީއެފްސީ އިން ބޮންޑާއި ބެހޭގޮތުން މައުލޫމާތު ދެނީ: ފޮޓޯ އަވަސް އޮންލައިން

ސްކޫކާއި ބޮންޑު ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން އިއްޔެ ފަށައިފި އެވެ.

އެޗްޑީއެފްސީ އިން ސުކޫކާއި ބޮންޑު ވިއްކަން ހަމަޖައްސަފައި ވަނީ އިއްޔެއިން ފެށިގެން  ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ސުކޫކަކީ އިސްލާމީ އުސޫލުން ވިއްކާ ބޮންޑެވެ.

އެޗްޑީއެފްސީން ވިއްކާ ބޮންޑާއި ސުކޫކެއްގެ އަގަކީ 1،000ރ. އެވެ. ޖުމްލަ ދެ ލައްކަ ސުކޫކު ވިއްކުމަށް ނިންމާފައިވާއިރު ބޮނޑުން ވިއްކާނީ 80،000 އެވެ. އެހެންކަމުން ސުކޫކް ވިއްކައިގެން އެ ކުންފުންޏަށް 200 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ބޮންޑު ވިއްކައިގެން ލިބޭނީ 80 މިލިއަން ރުފިޔާ އެވެ.

ސްކޫކު ހޯލްޑަރުންނަށް ޖުމްލަ އިންވެސްޓްމެންޓްގެ 65 ޕަސެންޓް ފައިދާގެ ގޮތުގައި ދިނުމަށް އެޗްޑީއެފްސީން ވަނީ ނިންމައިފަ އެވެ.

ސުކޫކް އަދި ބޮންޑު ގަންނަ މީހާ އަށް ވެސް ކޮންމެ ހަ މަހަކުން ފައިދާ ލިބޭނެ އެވެ. ސްކޫކާއި ބޮންޑް ދޫކުރަނީ 10 އަހަރުގެ މުއްދަތަށެވެ. އެހެން ކަމުން 10 އަހަރު ވަންދެން ކޮންމެ އަހަރަކު ދެ ފަހަރު ސުކޫކް ގަންނަ މީހާ އަށް ވެސް އަދި ބޮންޑު ގަންނަ މީހާއަށް ވެސް ފައިދާ ލިބެމުން ދާނެ އެވެ.

މީގެ 15 އަހަރު ކުރިން އުފެއްދި އެޗްޑީއެފްސީ އަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު