ރިޕޯޓު ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުން ހިމެނޭ: ޝަހިންދާ

ފާތިމަތު ފަޔާޟާ
ފޮޓޯ: ވަން ފޮޓޯ: ވަން

"ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި އިސްލާމިކް މިނިސްޓްރީން ވެސް ބައިވެރިވި ކަމަށް  އެޖަމިއްޔާގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ޝަހިންދާމިހެންވިދާޅުވެފައި މިވަނީ އޭނާކުރައްވާފައިވާ ޓްވިޓެއްގައެވެ.އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ އެ ރިޕޯޓުގެ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ ހަފްތާގައި ޖަމިއްޔާތަކާ ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ، ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެންގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ.

އެމްޑީއެން އުވާލުމަށް ރާއްޖޭގެ ބައެއް އިލްމުވެރިން އިއްޔެ ގޮވާލާފައިވާއިރު ޝަހިންދާ ވިދާޅުވީ 2015 ވަނަ އަހަރު ރިޕޯޓް ތައްޔާރުކުރުމުންދާކަން އިސްލާމިކް މިނިސްޓްރީ އަށް އެނގޭ ކަމަށާއި އޭގެ އިތުރުން އެ މިނިސްޓްރީން އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގައި ނެގި އިންޓަވިއުތައް ވެސް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް ޝަހިންދާ ވިދާޅުވިއެވެ.

ރިޕޯޓުގެ މައްސަލަަ އިސްލާމިކް މިނިސްޓްރީ އަށް އެނގޭ ކަމަށް ޝަހިންދާ ވިދާޅުވެފައިވާއިރު، ރިޕޯޓާމެދު ކަންބޮޑުވުން ފާޅުކޮށް 2016 ވަނަ އަހަރު ދީނީ ޖަމިއްޔާއަކުން އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން ދާދިފަހުން ވަނީ ބުނެފައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ކުށްވެރި ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު