މަޖިލީހަށް އަންނަނީ އެމްޑީޕީގެ ހަރުގޭގެ މަސައްކަތް ކުރާކަށް ނޫން: ޖާބިރު

މަޖިލީހަށް އަންނަނީ އެމްޑީޕީގެ ހަރުގޭގެ މަސައްކަތް ކުރަން ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެއަކަށް ހަދައިގެން ނުވާނެ ކަމަށާއި މަޖިލީހުގައި ކަންކަން ކުރަންވާނީ ގާނޫނު އަސާސީގެ ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންގެ ދިނީ ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރުމަށް ނޫން ކަމަށާއި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ވެސް އަބަދުވެސް ތިއްބަވަނީ އެމްޑީޕީގެ ހަރުގޭގައި ވަރަށް އިސްކޮށް މަސައްކަތް ކުރާ އެކްޓިވިސްޓުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް މި ގޮވާލަނީ މިއަދުން މިއަދަށް، އެމްޑީޕީ އަށް ދީފައިވާ މެޖޯރިޓީއާ ދޭތެރޭ ވިސްނާ، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީއާ ދޭތެރޭ އަމަލުކުރުމަށްޓަކާ ކުޑަކޮށް ވިސްނާށޭ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ފޮނުވާ ކޮންމެ އެއްޗެއްގައި "ރަބާ ސްޓޭމްޕް" ޖެހުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ހަރުގޭގައި ކަންކުރާ އުސޫލުން ރައްޔިތުންގެ މަޖިލިސް ނުހިންގޭނެ ކަމަށެވެ.
"މި މަޖިލިސް ހިނގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އުސޫލުންނޭ. އެމްޑީޕީގެ ހަރުގެ ހިންގާނީ އެމްޑީޕީގެ އޮފީހުންނޭ. މި ތަނުގައި އެމްޑީޕީގެ ހަރުގެ އުސޫލުން ކަންތައް ކުރުން ހުއްދައެއް ނޫން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ވާހަކަ ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލިސް ހިނގަނީ ކަނޑައެޅިފައިވާ އުސޫލުން ކަމަށާއި މަޖިލިސް ހިނގަނީ އެމްޑީޕީގެ ހަރުގެ ހިންގާ އުސޫލުން ނޫން ކަމަށް ވިދާޅުވެފައެވެ.