ވިޝާމާ މަރުވީ އޯވާޑޯސްވެގެން ނޫން ކަމަށް ޓްރީޓޮޕު ހޮސްޕިޓަލުން ބުނެފި

ޢަލީ ޔާމީން

ހުޅުމާލޭގައި މިއަދު ހެނދުނު ނިޔާވި, އުމުރުން 27 އަހަރުގެ އައިޝަތު ވިޝާމާ މަރުވީ ޕާޓީ ޑްރަގްސް ބޭނުންކޮށްގެން އޯވަޑޯޒް ވެގެން ނޫންކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

އޭނާގެ އާއިލާގެ ފަރާތުން އޮންލައިން ނޫހެއްކަމަށްވާ "ވޮއިސް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވިޝާމާ މަރުވީ ޑްރަގް އޯވަޑޯޒްވެގެން ނޫންކަމަށާއި ފިޓްޖެހިގެންކަން ޓްރީޓޮޕް ހޮސްޕިޓަލުންވެސް ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި އޯވަޑޯޒްވެފައިވާ ވާހަކަ ފުލުހުންވެސް ބުނެފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މަރު ފޯމްގައި ސަބަބެއް ގޮތުގައިވެސް އޯވާޑޯޒްވި ވާހަކަ ނުވާކަމަށް ޓްރީޓޮޕް ބަޔާނުގައިވެއެވެ.

ބައެއް މީޑިއާ ތަކުން ވިޝާމާ ނިޔާވީ އޯވާޑޯސްވެގެން ކަމަށް ބުނެ ހަބަރު ފަތުރާފައިވާއިރު އޭނާގެ އާއިލާއިން ވަނީ ހަގީގަތް ބެލުމެއްނެތި އޭނާގެ މަރުގެ ވާހަކަތައް ނުފެތުރުމަށް އާންމުންނާއި މީޑިޔާތަކަށް ގޮވާލާފައެވެ. އަދި މިވަގުތު އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތި ވަގުތަށް ރިޢާޔަތްކޮށް ދޭންޖެހޭ އެކަހެރިކަން ދިނުމަށްވެސް އާއިލާގެ ފަރާތުން އެދެއެވެ.

ވިޝާމާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ވިޝާމާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެންބިއުލާންސްއަށް ގުޅީ އޭނާގެ ތިން ރަހުމަތްތެރިން ކަމަށް އާއިލާގެ ފަރާތުން ކަށަވަރުކޮށްދީފައިވާއިރު ވިޝާމާ ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލަންސަށް އެރުވި ހިސާބުން މި ތިން ރަހުމަތްތެރިން "ގެއްލިފައިވާ" ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

ވިޝާމާ މިއަދުގެ މަޣްރިބް ނަމާދަށްފަހު ވަޅުލާފައިވާއިރު އޭނާގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު
ޠަލްހަތު
ކިހާ ފައިސާއެއް.ދީގެން އާއިލާއިން ވާހަކ އެ އޮއްބާލީ! ދިރިތިބި މޙުންނަށް އޮޅުވާލެވުނަސް އޮޅުވާނުލެވޭނެ ފަރާތެއް ވާކަން ނޭންގެނީބާ