ދިރާސީ އާއަހުރުގެ ކިޔެވުން މިއަދު ފަށައިފި

މުހައްމަދު ޝުޖާއު

73035 ދަރިވަރުންނާއެކު 212 ސްކޫލެއްގައި ދިރާސީ އާއަހުރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ޖުމްލަ 9800 މުދައްރިއްސުންނާއި އެކު ދިރާސީ އާއަހަރުގެ ކިޔެވުން ފެށުނުއިރު، އޭގެތެރެއިން 7900 މީހުންނަކީ ދިވެހި މުދައްރިއްސުންނެވެ. ބިދޭސީ މުދައްރިއްސުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ހަރަކާތްތެރިވާނެ އެވެ. ޕްރީސްކޫލުގެ ކިޔެވުން 317 ސްކޫލެއްގައި ކިޔަވައިދޭއިރު، އޯލެވެލް އިމްތިހާނަށް ކިޔަވައިދޭނީ 185 ސްކޫލުގައެވެ.

މިއަހަރު 200 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމިސްޓާ ބަންދު ވާނީ މެއި މަހު 30 ވަނަ ދުވަހު އެވެ. އަދި ޖޫން މަހު 9 ގައި ދެވަނަ ސެމިސްޓާ ކިޔެވުން ފެށޭނެއެވެ.


އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރުގެ ކިޔެވުން ދަތިތަކާ ނުލާ ކުރިއަތް ގެންދިޔުމަށްޓާކާ ދުރާލާ ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ޒަމާނުއްސުރެ ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދާ ދިނުމަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އާއަހަރުގެ ކިޔެވުމާ ގުޅިގެން ފަށަން ހަމަޖެހިފައިވާ ނާސްތާ ޕްރޮގްރާމް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އިލްމު ހޯދުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ނައިބު ރައީސް ވިދާޅުވީ، ރަނގަޅު ތައުލީމީ ޖީލެއް ބިނާނުކޮށް ގައުމަށް އަމާންކަމާއި ހަމަޖެހުން ނުލިބޭނެ ކަމަށެވެ.

ނައިބު ރައީސް ފައިސަލް މިއަދު ޔަގީންކަން ދެއްވި ގޮތުގައި ކުރީގެ ސަރުކާރުތަކުން ތައުލީމީ ދާއިރާއަށް ނުކުރާ ވަރުގެ ހޭދަތަކެއް މިސަރުކާރުން ކޮށް ދާއިރާ އިތުރަށް ހަރުދަނާ ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު