ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފި

ޝަރޫނާ އަބްދުﷲ
ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ/ ޖަޒީރާ/ޝަރޫނާ އަބްދުﷲ

ދިރާސީ އައު އަހަރާއެކު ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމްގެ އިޕްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު އަމީނިއްޔާ ސުކޫލުގައި ބޭއްވުނު އިރު، ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފެއްޓުމަށްފަހު އަމީނިއްޔާ ސުކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، މި ޕްރޮގްރާމް ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމުގައި ޓީޗަރުންގެ ދައުރުވެސް ވަރަށް ބޮޑު ކަމަށާއި އެގޮތުން، ސިއްހީ ގޮތިން ރަނގަޅު ކާނާގެ މުހިންމު ކަމުގެ މައުލޫމާތު ދަރިވަރުންނަށް ދިނުން ވަރަށް މުހިންމު ކަން ފާހަގަކުރެއްވިއެވެ.


އެއަށްފަހު އެޑިއުކޭޝަން މިނިސްޓަރ ވަނީ ހަފްލާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެނދުނުގެ ނާސްތާއަކީ ކިޔަވާ ކުދިންނަށް ކިޔެވުމައިގެންް ކުރިއަށް ދިޔުމަށް ލިބިގެންދާނެެ އިތުރު އެހީއެކެވެ. އަދި ނާސްތާ ޕްރޮގްރާމް ރާއްޖޭގައި ފެށިގެން މިދަނީ މުޅިން އަލަށް ކަމުން ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވެފައިވަނީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރެ، ރަނގަޅު ފެށުމަކުން ނޫނީ ކާމިޔާބީ އެއް ނުލިބޭނެ ކަމީ އެންމެންވެސް ގަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަކީ ކިޔެވުމަށް ސަމާލުކަން ދިނުމަށްޓަކައި ވަރަށް މުހިންމު ކަމެއް ގޮތުގައި ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނާސްތާ ޕްެރޮގްރާމް އަމީނިއްޔާ ސްކޫލުގެ އިތުރުން މާލޭގެ ފަސް ސްކޫލެއްގައި ފަށާފައިވާއިރު އަތޮޅުތެރޭގެ ސުކޫލުތަކާއެކު ޖުމްލަ 25 ސުކޫލެއްގައި މި ޕްެރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު