މަގުދައްކާ! މާލޭސިޓީގެ ވެރިކަން ސިޔާސީ ކޯޅުމުން މިނިވަން ކުރާނަން: އަލްހާން

އައިމިނަތު ޔުމްނާ
އަލްހާން ފަހުމީ އަލްހާން ފަހުމީ

އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީ ކައުންސިލަރުންނަށް މަގުދައްކައި މާލޭ ސިޓީގެ ވެރިކަން ސިޔާސީ ކޯޅުމުން މިނަވަން ކޮށްދެއްވާނެކަމުގައި ވިދާޅުވެއްޖެއެވެ.

މިގޮތަށް ވިދާޅުވެ އަލްހާން ކުރައްވަވާފައިވާ ޓްވީޓްއެއްގައި ވަނީ " ރައްޔިތުން ހޮވާފަ ކައުންސިލަށް ފޮނުވާ ބޭފުޅުންނަކީ އަޅުގަނޑުގެ ކައުންސިލަރުން! އަޅުގަނޑު މަސައްކަތްކުރާނީ އެބޭފުޅުންނާއި އެކު ! އަޅުގަނޑުއެބޭފުޅުންނަށް މަގުދައްކާ، މާލޭސިޓީގެ ވެރިކަން ސިޔާސީ ކޯޅުމުން މިނިވަންކުރާނަން!"

މީގެ އިތުރުން އަލްހާން ވިދާޅުވެފައިވަނީ ވެރިކަމުގެ އެންމެހާ ބާރުތައް އެއްޕާޓީއަކަށް ދިނުމުން ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުން ލާމަރުކަޒީ މިނިވަން ވެރިކަމެއް ޤާއިމުކުރެވޭނީ ޕާޓީ ވިސްނުން އެކަހެރިކޮށް މިނިވަން ލާމަރުކަޒީ ވިސްނުމަށް ފުރުސަތު ދީގެން ކަމުގައެވެ.

އަލްހާން ވަނީ މީގެ ދުވަސްތަކެއް ކުރިން މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާދެއްވައި އެ ޕަޓީއަށް އަލްހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާތީ ބައެއް ފަރާތްތަކުން އޭނާގެ ސިޔާސީ ވިސްނުމާމެދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ވަކި ޕާޓީއެއްގައި ހުރުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް އަމިއްލައަށް ވެސް ގަބޫލުކުރެވޭ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

މީގެކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދައިރާގެ ކުރީގެ މެމްބަރު އަލްހާން ވަނީ ކުޑަ ދުވަސްކޮޅަކު ޕީޕީއެމްގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު