ޕީޕީއެމްގެ ބިޔަ އެއްވުމަކާއެކު "މިއީ މަގޭރާއްޖެ" ކެމްޕޭން ފަށައިފި

އައިމިނަތު ޔުމްނާ
"މިއީ މަގޭ ރާއްޖެ" ޖަލްސާ "މިއީ މަގޭ ރާއްޖެ" ޖަލްސާ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ޕީޕީއެމް އިން މިރޭ ބާއްވާ ޖަލްސާ އަށް ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްްގެ މީހުން ކާނިވާ ސަރަހައްދަށް ޖަމާވެއްޖެ އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރުމުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި އެ މަނިކުފާނުގެ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗު ކުރަން މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާގައި ކޮންގްރެސްގެ ޕާޓީގެ ސިޔާސަތުތަކާއި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވިއްޖެނަމަ އަމަލު ކުރާނެ ސިޔާސަތުތައް ވަނީ އިއުލާނުކޮށްފައެވެ. މީގެއިތުރުން ޖަލްސާގެ ތެރެއިން އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ބޭނުން ކުރާ ރަސްމީ ލަވަ ވަނީ ލޯންޗުކޮށްފައެވެ.


"މިއީ މަގޭ ރާއްޖެ" ޝިއާރާއެކު ފެށި ކެމްޕޭން ޖަލްސާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ގެންދަނީ ޖަލްސާގައި ވާހަކަ ދައްކާ މީހުނަށް ޖޯޝާއެކު ތަރުހީބު ދެމުންނެވެ. މިއީ މި ސަރުކާރުއައި ފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު ޖަލްސާ ކަން ފާހަކުރަމެވެ. މިރޭގެ ޖަލްސާގައި ބައިވެރިވި އެންމެންހެން ތިބީ ކުރީގެ ރަައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ލިޔެފައިވާ މެސެޖްތަކާ އެކު އެމަނިކުފާނުގެ ފޮޓޯ ޖަހާފައިވާ ބޯޑުތައް ހިފައިގެންނެވެ.

އިންތިހާބުގެ ސްޓިއަރިން ކޮމެޓީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާފައި ކަމަށެވެ. އެ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަަށް ކަމަށާއި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ތަރައްގީގެ ވިސްނުންފުޅު ކަމަށް މުއާޒްވަނީ ވިދާޅުވެފައެވެ.


"އަޅުގަނޑުމެންގެ ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނާޅާނެ. ސަރުކާރަށް ދުއްޕާނެއް ނުކުރާނެ. އެ ކަމަކު ތަރައްގީއަށްޓަކައި ތަރައްގީ ގެންނަން ސަރުކާރަށް ޕްރެޝަރު ކުރަން، މި ފަހަރުގެ ކައުންސިލް އިންތިހާބު އަޅުގަނޑުމެން ބޮޑު ތަނުން" މުއާޒު މިރޭ ޖަލްސާގައި ވިދާޅުވިއެވެ.

އެ ޕާޓީގެ ކެންޑިޑޭޓުންނަކީ އިސްލާމްދީނަށް ނޭދެވޭ ކަންތަކުރުމަށް މަސައްކަތް ކުުރާ މީހުންނަށް ފާޅުގައި ދެކޮޅު ހަދާނެ ބަޔަކަށް ވާނެ ކަމަށާއި އަދި ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރާނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަން ގަބޫލުކޮށް އެ ގޮތުގެ މަތިން ޕީޕީއެމްގެ ކައުންސިލަރުން މަސައްކަތް ކުރާނެ އެވެ. ފަހު ސިޔާސަތެއްގެ ގޮތުގައި އިއުލާން ކުރީ ޕީޕީއެމްގެ ކައުންސިލަރުންނަކީ ތަހުޒީބީ ކައުންސިލަރުންގެ ގޮތުގައި ފެނުމެވެ.


އިދިކޮޅު ޖަލްސާ އަށް ގިނަ ބަޔަކު ދިޔައިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށަން އެމްޑީޕީން ބޭއްވި ޖަލްސާ "ރަށްވެެހި ފަތިސް"  މިދިޔަ ހުކުރު ވިލޭރޭ ބާއްވާފައިވާއިރު ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އިރު، އެޖަލްސާ ފެށިގެން ނިމެންދެން ވެސް ގިނަ ގޮނޑިތަކެއް ހުރީ ހުސްކޮށެވެ.



މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު