ފެލައިނީ ކޮންޓެކްޓްވި ދެ ދިވެހިން ނެގެޓިވް

އައިމިނަތު ޔުމްނާ
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ މީހެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެ އައުމަށްފަހު ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާތަނަށް ނަތީޖާ ލިބިފައިވަނީ ވެލިދޫގައި އެކަހެރިކޮށްފައިވާ ދެ ދިވެހިންނެވެ. ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެ ދެ ދިވެހިންގެ ވެސް ނަތީޖާ ލިބިފައިވާއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެދެމީހުން ދިރިއުޅުނު ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް ލޮކްޑައުންކުރި ނަމަވެސް މަބުރޫކު ވިދާޅުވީ އެ ދެ ގެ ވެސް މިާރު ހުޅުވާލާފައިވާ ކަމަށެވެ.

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު މިހާތަނަށް އެކަހެރިކޮށްފައި ވެއެވެ. އެއީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. 

ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. އަދި ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު