އިތުބާރު ނެތް ކަމުގެ ވޯޓާމެދު ކަންބޮޑުވުމެއް ނެތް: ފައްޔާޒު

އިތުބާރު ނެތް ކަމުގެ މައްސަލައެއް ނަގާ ފަދަ ކަމެއް ކުރައްވާފައިނުވާނެކަން ތަކުރާރު ކުރައްވައި އެކަމުގައި ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިތުބާރު ނެތް ކަމަށް މަސައްކަތާއި ގުޅިގެން ނުވަތަ ގާނޫނީ ގޮތުން ވެސް އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާއާމެދު ހިތްހަމަނުޖެހުމެއް އޮވެދާނެ ކަމަށާއި އެއީ އޭނާއަށް ބައެއް ފަހަރަށް މުއާމަލާތް ކުރެވޭ ގޮތަކުންވާ ކަމެއް ކަމަށް ވެދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އަދި މަޖިލީހެއް އޮވެ، އަމިއްލަ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ހިސާބަށް ދިޔުމަކީ އުފާ ވެސް ކުރައްވާ ކަމެއް ކަމަށެވެ. އެކަމުން އެނގިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީ ގޮސްފައި އޮތް ހިސާބު ކަމަށެވެ. 

އޭނާއަށް ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއިކޮށްފައިވަނީ ކޮން ބައެއް ކަމެއް އަދި އޭގައި ހިމަނާފައިވަނީ ކޮން ކަންކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ސޮއި ކުރެއްވި މެންބަރުންނަށް ނުގުޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލިސް މެންބަރުންނާ ވެސް ވަރަށް ގާތުން ކަމަށެވެ. އަދި ރައްޔިތުންނާ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެހެންކަމުން އަމިއްލަ ދާއިރާ ނޫން ނަމަވެސް ރައްޔިތުންނަށް ދަތިވާ ކަންކަމުގައި އޭނާ މަސައްކަތް ކުރައްވާ ކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ހުންނަވާނެ ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓާމެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި، އެއީ އޭނާގެ ފައިޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުންދާ ފައްޔާޒަކީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރެވެ. މިހާރު ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފައްޔާޒު ގެންދަނީ ބުރަ މަސަައްކަތްތަކެއް ކުރައްވަމުންނެވެ. އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު