ރައީސް ނަޝީދުގެ ތައުރީފް ރައީސްއަށް: މި ހާލަތުގައި ވެސް ފެނުނީ ކެތްތެރިކަން

ރައީސް ސޯލިހާއި ރައީސް ނަޝީދު: ރައީސްއަށް ތައުރީފް ކުރެއްވި - ފޮޓޯ: ސަން ރައީސް ސޯލިހާއި ރައީސް ނަޝީދު: ރައީސްއަށް ތައުރީފް ކުރެއްވި - ފޮޓޯ: ސަން

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފެނުނީ ކެތްތެރިކަމާއި ހިތްވަރުގަދަކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލް 12 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮވިޑްއިން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ފެނިގެން ދިޔައީ ރައީސް ސޯލިހުގެ ހިތްވަރުގަދަކާއި ކެތްތެރިކަން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެހެން ބޭފުޅަކަށް ނޭނގޭ މިންވަރަށް ރާއްޖެ އޮތް ހާލަތު ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށާއި ބަލި ފެތުރޭ މިންވަރު ހިފެހެއްޓިފައިވަނީ އެހެންވެ ކަމަށެވެ. 

ބަލި ފެތުރޭ މިންވަރު ހިފެހެއްޓިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މާލޭއިން އަދިވެސް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ބައްޔަށް ދަނީ ޕޮޒިޓިވްވަމުންނެވެ. ރައީސް ނަޝީދު މީގެކުރިން ވަނީ ކޮވިޑް-19އަކީ ހުރިހާ ކަމެއް ހުއްޓާލައިގެން ތިބެން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. 

އެމަނިކުފާނު ވަނީ އެޗްޕީއޭއިން މީހުން އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަވާފައެވެ. އަދި ކޮވިޑްގެ ހާލަތުގައި މުހިންމު މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރެއްވިއެވެ. އޭގެ ތެރޭގައި ކޮވިޑްގައި ސަރުކާރުން ކުރާ ހަރަދުތައް އޮޑިޓްކުރަން އެންގުން ހިމެނެއެވެ.  

ރައީސް ނަޝީދު މިއަދު ވިދާޅުވީ ބަލިމަޑުކަމުގައި އެންމެ މުހިންމީ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި ނަމަވެސް ދިރިއުޅުމަށް މަސައްކަތް ކުރަން ވެސް ޖެހޭ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ކޮވިޑް-19ގެ ބަލި ފެތުރެމުންދާއިރު ދިވެހިން މިހާރު ވަނީ އެ ބައްޔާއެކު އުޅެން ދަސްކޮށްފައި ކަމަށެވެ. މާލޭގައި ކޮވިޑް ފެތުރެމުންދާއިރު ގައިދުރުކުރުމާއި އަތް ދޮވުން ފަދަ ކަންކަމަށް ރައްޔިތުން ވަނީ ހޭނިފައެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ހިދުމަތްދޭ ތަންތަނުން ވެސް ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. 

ކިޔުންތެރިންގެ ހިޔާލު