ފޭދޫ ސްވިމިންގ ޓްރެކްގެ މަސައްކަތް ނިންމާލައިފި

ސ. ފޭދޫ ފަތާ ޓްރެކް ސ. ފޭދޫ ފަތާ ޓްރެކް

އައްޑޫ ސިޓީ ފޭދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން  ގާއިމްކުރި ސްވިމިންގ ޓްރެކްގެ މަސައްކަތް ނިންމާލައިފިއެވެ. 

މި ޓްރެކްގެ މަސައްކަތް ނިމުނުކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ދިމާވި ދަތިތަކަށްފަހު ފޭދޫ ޓްރެކް ނިންމާލެވުމުން އުފާ ކުރައްވާ ކަމަށެވެ. މި މަސައްކަތް ލަސްވިކަމަށްޓަކައި މާފަށް އެދިވަޑައިގެން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ދެން އޮތީ ފޭދޫ ދަނޑުގެ މަސައްކަތް ނިންމުން ކަމަށެވެ. މި މަސައްކަތް ކުރުމުގައި ސްވިމިންގ އެސޯސިއޭޝަނާއި، އައްޑޫ ސިޓީ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލާއި، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ އިތުރުން ޒުވާން ވޮލަންޓިއަރުން ވެދެއްވި އެހީތެރިކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މި ޓްރެކަކީ މިއަހަރުގެ ތެރޭގައި ޔޫތު މިނިސްޓްރީއިން ނިންމާލި ހަތަރުވަނަ ފަތާ ޓްރެކެވެ. ކޮވިޑާއި ގުޅިގެން މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް ހދ. ކުޅުދުއްފުށްޓާއި، ހއ. ދިއްދޫ އަދި ސ. މީދޫގައި ވެސް ޓްރެކް ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. މި ހުރިހާ ޓްރެކެއްގެ މަަސައްކަތް ވެސް ކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު