67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހޯދަން ސޮއިކޮށްފި

ޕާކް ސެޓުތައް ގެނައުމަށް މިއަދު ވަނީ ސޮއިކުރެވިފައި ޕާކް ސެޓުތައް ގެނައުމަށް މިއަދު ވަނީ ސޮއިކުރެވިފައި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރުމަށް ނިންމާފައިވާ ކުޑަކުދިންގެ ޕާކްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް މިއަދު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. 

އެ މިނިސްޓްރީގައި ބޭއްވި ކޮންޓްރެކްޓް ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.

މި ސާމާނު 35 ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށާއި މި މަސައްކަތަށް ޖުމްލަ 7،999،682.2 ރުފިޔާ ހަރަދުވާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޔޫތު މިނިސްޓްރީއިން ވަނީ މުޅިން އަލަށް ބިޑު ކުރެވުނު މަސައްކަތުގެ ހުލާސާއެއް ވެސް މިއަދު އާއްމުކޮށްފައެވެ.

މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މީގެކުރިން ވެސް 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައިވާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު